ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ފަހު، އެ ޕާޓީގެ އެންމެ ގަދަރުވެރި މަގާމުގެ ނަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމަށް މުހާތަބުކޮށް ޕާޓީގެ އިސް ބޭފުޅުން ވާހަކަފުޅު ދައްކަވަން ފައްޓަވައިފި އެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 50 ވަނަ މާއްދާ ބުނާ ގޮތުން ޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަންނަވާ ބޭފުޅަކީ "ޕީޕީއެމްގެ މުސްތަޝާރު" އެވެ. އެ މާއްދާގެ ށ.ގައި ބުނެފައިވާ ގޮތުން ރައީސް ޔާމިންއަކީ ޕާޓީގެ ރައީސަށް ފަހު ޕީޕީއެމްގެ އެންމެ ގަދަރުވެރި ބޭފުޅާ އެވެ.

ޕާޓީގެ މުސްތަޝާރަކީ ޕާޓީގެ ހިންގުމުގައި އަދި ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމުގައި އެއްވެސް އަމަލީ ދައުރެއް އޮންނަ ފަރާތެއް ނޫނެވެ. ނަމަވެސް ޕާޓީ ހިންގުމުގައި ޕީޕީއެމްގެ ރައީސަށް ސީދާ ލަފަ އާއި އިރުޝާދު ދެއްވުމުގެ އިހްތިޔާރު ލިބިވަޑައިގަންނަ ވަނީ ޕާޓީގެ މުސްތަޝާރަށެވެ. އެއީ އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޕާޓީގެ ކައުންސިލް މެމްބަރު އައިމިނަތު ނާދިރާ ރައީސް ޔާމީނަށް މުހާތަބު ކުރެއްވީ މުސްތަޝާރުގެ ނަމުންނެވެ. އޭނާ ވިދާޅުވީ މަޖިލިސް ކެމްޕޭން ލޯންޗު ކުރުމަށް މާދަމާ ރޭ ކާނިވަލުގައި ބާއްވާ "ގުޅިގެން މަޖިލިސް ވެސް ޔަގީން" ޖަލްސާގައި ޕާޓީގެ މުސްތަޝާރުގެ ހައިސިއްޔަތުން ރައީސް ޔާމިން އާއި ރައީސް މައުމޫން ބައިވެރިވެވަޑައި ގަންނަވާނެ ކަމަށެވެ.

ޕީޕީއެމް އަސާސީ ގަވާއިދު ބުނާ ގޮތުން ޕީޕީއެމްގެ މުސްތަޝާރަކީ ޕާޓީގެ ކައުންސިލް މެމްބަރެވެ. އަދި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުންތަކުގައި އޮބްރާވަރެއްގެ ގޮތުގައި މުސްތަޝާރަށް ބައިވެރިވެވޭނެ އެވެ. އަދި މުސްތަޝާރުގެ އަމުރަށް ކަންސިލް ބައްދަލުވުންތަކާއި ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުންތައް ބާއްވަންޖެހޭނެ ކަމަށް ޕީޕީއެމް އަސާސީ ގަވާއިދު ބުނެ އެވެ.