ޕެނަލްޓީން ކިރިސްޓިއާނޯ ރޮނާލްޑޯ ޖެހި ދެ ލަނޑާއެކު ކޮޕާ ޑެލްރޭގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން އެޓްލެޓިކޯ މެޑްރިޑް 0-2 އިން ބަލިކޮށް މުބާރާތުގެ ފައިނަލުން ރެއާލް މެޑްރިޑް ޖާގަ ހޯދައިފި އެވެ.

ރެއާލް މެޑްރިޑް ފައިނަލުން ޖާގަ ހޯދާފައިވަނީ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އެޓްލެޓިކޯ މެޑްރިޑް 0-3 އިން ބަލިކޮށްފައިވުމުން ދެ ލެގުގެ އެގްރިގޭޓުން ރެއާލް އަށް 0-5 ކުރި ލިބިގެންނެވެ.

މެޑްރިޑްގެ ދަނޑުގައި ރޭ ކުޅުނު ފޯރިގަދަ މެޗްގައި ރެއާލް އަށް ފުރަތަމަ ގޯލް ރޮނާލްޑޯ ކާމިޔާބު ކޮށްދިނީ މެޗްގެ ހަތް ވަނަ މިނެޓުގައި އެޓްލެޓިކޯގެ މެންކިއުލޯ ކުރި ފައުލަކުން ލިބުނު ޕެނަލްޓީއަކުންނެވެ. ރޮނާލްޑޯގެ ދެވަނަ ލަނޑު މެޗްގެ 16 ވަނަ މިނެޓުގައި ޖަހާފައިވަނީ އެޓްލެޓިކޯގެ އިންސުއާ ރެއާލްގެ ގެރެތް ބޭލްއަށް ކުރި ފައުލަކުން ލިބުނު ޕެނަލްޓީއަކުންނެވެ.

ރޭގެ މެޗުން ރެއާލް މޮޅުވި އިރު އަނިޔާގެ ސަބަބުން އެޓްލެޓިކޯ މެޑްރިޑްގެ ގޯލް ކީޕަރު ތިބައުޓް އާއި މިޑްފިލްޑަރު ތިއާގޯ އަދި އެޓާކަރު ޑޭވިޑް އާއި ސަސްޕެންޝަންގައި ހުރި ޑިއޭގޯ ކޯސްޓާ ރޭގެ މެޗްގައި ނުކުޅެ އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ރޭގެ މެޗްގައި ފުރަތަމަ ހާފް ނިމިގެން ޗޭންޖިން ރޫމަށް ދަނިކޮށް އެތުލެޓިކޯގެ ސަޕޯޓަރަކު ވަނީ ލައިޓަރަކުން ރޮނާލްޑޯގެ ބޮލުގައިވެސް ޖަހާފަ އެވެ.

ރެއާލް މެޑްރިޑުން ކޮޕާ ޑެލް ރޭގެ ފައިނަލުން ޖާގަ އެއް ހޯދާފައިވާއިރު ރެއާލް އާއި ފައިނަލުގައި ވާދަކުރަންޖެހޭނީ ބާސާ ނުވަތަ ރެއާލް ސޮސެއިޑާޑް އެވެ. ސެމީ ފައިނަލްގެ ދެވަނަ ލެގުގައި އެ ދެ ކްލަބް ބައްދަލުކުރާއިރު އެ ދެ ކްލަބް ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ ލެގް 0-2 އަކުން ކާމިޔާބު ކޮށްފައިވަނީ 26 ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ބާސާ އިންނެވެ.