12 Feb 2014, 17:22
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީގެ ބުރަކަށްޓަށް ވަޅި ހަރައި ޒަހަމްކޮށްލި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި ދެ މީހުންގެ ބަންދުގެ މުއްދަތު 15 ދުވަހުގެ މުއްދަތަށް އިތުރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެ މީހުންގެ ބަންދުގެ މުއްދަތު މިއަދު 15 ދުވަހަށް އިތުރުކޮށްފައި ވަނީ ކުރިން ކްރިމިނަލް ކޯޓުން އިތުރުކުރި 10 ދުވަހުގެ މުއްދަތު ހަމަވުމުންކަމަށެވެ.
އަލްހާންގެ ގަޔަށް ވަޅި ހެރި މައްސަލައިގައި ފުލުހުން ހައްޔަރު ކުރި ދެ މީހުންނަކީ ޏ. ފުވައްމުލަކު ދަނޑިމަގު، ޝައިނީ، މުހައްމަދު ސަމީހު އާއި ސ. ހިތަދޫ އުލްފާ މަންޒިލް، މުހައްމަދު ނަސީމެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ތޫނުއެއްޗަކުން ދިން ހަމަލާގެ ސަބަބުން ލިބުނު އަނިޔާތަކަށް އަލްހާން އަންނަނީ ސްރީލަންކާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުންނެވެ.