ދި އެފްއެމް ޕްލަސްގެ ފޮޓޯ ގޮޅި ނެގުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު އަންގައިފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މިގޮތަށް އަންގާފައިވަނީ މިއަދު ހެނދުނު އެ ސްޓޭޝަނުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ ފޮޓޯ އެކޮޅުކޮޅުން ޖަހައިގެން ފޮނުވާފައިވާ ކޮންޓެންޓެއްގެ މައްސަލައާ ގުޅިގެންނެވެ.

އެ ސްޓޭޝަނަށް ބްރޯޑްކާސްޓިންގް ކޮމިޝަނުން މިއަދު ފޮނުވި ސިޓީގައި އެ ކޮމިޝަނުން އެ މައްސަލަ ބަލަމުން ގެންދާ ކަމަށާއި މައްސަލަ ބަލައި ނިމެންދެއް އެ ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް ވަނީ އަންގައިފަ އެވެ.

ބްރޯޑްކާސްޓިންގް ކޮމިޝަންގެ ސިޓީގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކައިރިވަމުން އަންނަ މި ދަނޑިވަޅުގައި ހަމަނުޖެހުމަކަށް ހިތްވަރު ލިބި ހަގީގަތް އޮޅިގެންދާ ގޮތަށް ބްރޯޑްކާސްޓް ނުކުރުމަށާއި ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ކޯޑް އޮފް ޕްރެކްޓިސްގައި ކަނޑައަޅާފައިވާ ހަމަތަކާއި މިންގަނޑުތަކަށް ސަމާލުވުމަށް ވެސް އެ ސްޓޭޝަނަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.

ދިއެފްއެމްގެ ސީއީއޯ މަސްއޫދު ހިލްމީ މިއަދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ ފޮޓޯ އެ ގޮޅިއަށް އިއްޔެއިން ފެށިގެން އަރުވާފައިވަނީ ސުޕްރީމް ކޯޓަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ހާޒިރުވެވަޑައިގެންނެވުމަށް އަމުރުކޮށްފައިވާ މައްސަލާއާ ގުޅިގެން ކަމަށެވެ. ނަމަވެސް ބްރޯޑްކާސްޓިން ކޮމިޝަނުން އެންގުމުން އެ ފޮޓޯ ނަގާފައިވާ ކަމަށެށެވެ.

"އެއިރެއްގައި އޮންނަ އެންމެ ހޫނު ހަބަރަކާ ގުޅޭ ގޮތުން ފޮޓޯ މިއަހަރުވަނީ، އެގޮތުން ފުއާދުގެ ފޮޓޯ އިއްޔެ އިން ފެށިގެން އިންނާނީ އަރުވައިފައި، ނަމަވެސް މިއަދު މެންދުރު ބްރޯޑްކާސްޓިން ކޮމިޝަނުން އެނގުމުން ދެ ގަޑިއެއްހާއިރު ތެރޭގައި ފޮޓޯ ގޮޅި ވަނީ ނެގިފައި،" މަސްއޫދު ވިދާޅުވި އެވެ.

ދިއެމްއެމް ޕްލަސްގެ މި ފޮޓޯ ގޮޅިއަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ވެސް ބައެއް ބޭފުޅުންގެ ފޮޓޯ އެރުވި މައްސަލައަކާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އެ ސްޓޭޝަނާ މެދު ފިޔަވަޅު އަޅައިފަ އެވެ.