ސުޕްރީމް ކޯޓުގެ ހުކުމްތަކަށް ގޮންޖަހައި އެ ކޯޓުގެ ހުރުމަތް ކެނޑޭގޮތަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ވާހަކަފުޅު ދައްކާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައްގައި ޖަވާބުދާރީ ވުމަށް ފުރުސަތުދީފި އެވެ.

ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމަކަށް ބަލާ މައްސަލައެއްގައި މިއަދު 2:00 އަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އެ ކޯޓަށް ހާޒިރުކުރުމުން އެ ކޮމިޝަންގެ ގާނޫނީ ވަކީލު ހުސައިން ސިރާޖު ވިދާޅުވީ އެ މައްސަލައަށް ޖަވާބުދާރީވުމުގެ ފުރުސަތެއް ބޭނުންވާ ކަމަށެވެ.

ޖަވާބުދާރީވުމަށް ފުރުސަތު ދެއްވުމަށް ފަހު އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ދެން އޮންނާނެ ދުވަހެއް ފަހުން އިއުލާން ކުރައްވާނެ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ބާއްވާފައިވާ ނިވްސް ކޮންފަރެންސްތަކުގައި ސުޕްރީމް ކޯޓު ކޮންޓެމްޕްޓްވާ ގޮތަށް ވާހަކަދައްކާފައިވާ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކުދި ޕާޓީތައް އުވިގެން ދިޔުމާ ގުޅޭ ގޮތުން އެ ކޯޓުން ކޮށްފައިވާ އަމުރަށް އަމަލުކޮށްފައި ނުވުމުގެ އިތުރަށް މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ކޮށްފައިވާ އަމުރަށް ޗެލެންޖުކޮށް ގާނޫނު އަސާސީގެ 145 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ގަސްދުގައި އަމަލުތައް ބަހައްޓަމުން އަންނަ ކަމަށް ފާހަގަކުރެވޭ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ އެ އަމަލުތަކަކީ ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ އަމަލެއް ކަމަށް އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ގަބޫލުކުރެވޭ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.