12 Feb 2014, 15:32
ޅ. ހިންނަވަރާއި އެ އަތޮޅު ކުރެންދޫގައި ޓްރާންސްޕޯޓް މިނިސްޓްރީން އީ ކޮމިއުނިޓީ ސެންޓަރުތަކެއް ހުޅުވައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިނިސްޓަރު އަމީން އިބްރާހިމް އިއްޔެ ހިންނަވަރާއި ކުރެންދޫގައި ހުޅުވައިދެއްވި އީ ކޮމިއުނިޓީ ސެންޓަރުތަކަކީ އިންޓަނެޓް މެދުވެރިކޮށް ސަރުކާރުގެ އޮފީސްތަކުން ލިބޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހުޅުވި ދެ ތަން ކަމަށެވެ.
މި ސެންޓަރުތައް އެޅުމުގައި އިސްކަންދެނީ އިންޓަނެޓް ލިބުން ދަތި ރަށްތަކަށް ކަމަށާއި އެގޮތުން މީގެ ކުރިން ބ. ގޮއިދު އާއި އެ އަތޮޅު މާޅޮހުގައި ވެސް އީ ސެންޓަރުތަކެއް ހުޅުވާފައިވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
"މި ކޮމިއުނިޓީ އީ ސެންޓަރުތަކުން ހުޅުވުމުގެ ބޭނުމަކީ ސަރުކާރުގެ އެކިއެކި އިދާރާތަކުން އިންޓަނެޓް މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތްތައް މި ރަށްތަކުގެ ރައްޔިތުންނަށް ވެސް ފޯރުކޮށްދިނުން. އަދި މީގެ އެއް ބޭނުމެއް އެއީ އިންޓަނެޓް ފޯރުކޮށްދިނުން ވެސް. އެހެންވެ އިންޓަނެޓް ލިބުން ދަތި ރަށްތަކަށް ޓާގެޓްކޮށް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ވެސް،" މިނިސްޓްރީގެ އޮފިޝަލަކު ބުންޏެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި އަހަރު ތެރޭގައި މުޅި ރާއްޖޭގައި އެފަދަ 50 އީ ކޮމިއުނިޓީ ސެންޓަރު އެޅުމަށް ނިންމާފައިވާ ކަމަށެވެ.