އަންނަ މާޗް މަހުގެ 22 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓު ނެގުމުގެ ކަންތައް އޮބްޒާވްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ މުއްދަތު އިލެކްޝަންސް ކޮމިޝަންއިން އިތުރުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އިންތިޚާބު އޮބްޒާވް ކުރަން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންއިން މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓް ލުމުގެ ކަންތައްތައް އޮބްޒާވް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ މުއްދަތު ދީފައި ވަނީ މާދަމާގެ ހަވީރު 4:00 ގެ ނިޔަލަށެވެ.

އިންތިޚާބު އޮބްޒާވްކުރުމަށް އެދި ހުށަހަޅާ ފަރާތަކީ އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށް ވާންޖެހޭނެ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ އިންތިޚާބު އޮބްޒާވް ކުރުމަށް އެދި ހުށަހަޅާ ފަރާތަކީ ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި މަދަނީ ޖަމްއިއްޔާތަކުންނާއި އަމިއްލަގޮތުން ހުށަހަޅާ ފަރާތެއްނަމަ އެމީހަކު ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވެފައި އޮވެގެން ނުވާނެ ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.

މާލެއިންނަމަ އެކަމަށް އެދޭ ފޯމް ހުށަހަޅަން ޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ކަމަށާއި އަތޮޅު ތެރެއިންނަމަ އެ އަތޮޅެއްގައި ގާއިމްކޮށްފައިވާ އިލެކްޝަންސް ޔުނިޓުތަކަށް ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.

އަންނަ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން ރައްޔިތުގެ މަޖިލީހުގައި ވާދަކުރުމަށް 316 މީހުން ވަނީ ފޯމް ހުށަހަޅާފަ އެވެ.