12 Feb 2014, 15:10
ލަޓި ބުރި ހިފައިގެން ހެންވޭރު ކޮޅުގައި ގްރޫޕް މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ބަޔަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހެންވޭރު އަޑިޕާކުގައި މާރާމާރީ ހިންގުމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މާރާމާރީ ކޮންޓްރޯލް ކުރުމަށް އެ ސަރަހައްދަށް ދިޔަ ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މައްސަލައަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް، އަދި މާރާމާރީ ހިންގީ ކީއްވެގެން ކަމެއް ފުލުހުން ނުބުންޏެވެ.
މަންޒަރު ދުށް މީހަކު "ސަން"އަށް ބުނީ ރާޅުގަނޑު ހަޓުތައް ހުރި ދިމާލުން ލަޓި ބުރި ހިފައިންގެ އައި ގްރޫޕަކުން އަޑިޕާކު ސަރަހައްދަށް ވަދެ ޒުވާން ކުއްޖަކަށް ހަމަލާދޭން މަސައްކަތް ކުރި ކަމަށާއި އޭނާ އަށް ހަމަލާދޭން އެ މީހުން އެ ސަރަހައްދުގައި ދުވެ އުޅުނު ކަމަށެވެ. އަދި ފުލުހުން އައި އިރު، ވެސް އެ މީހުންގެ އަތުގައި ލަޓިބުރިތައް ހުރި ކަމަށް މަންޒަރު ދުން މީހާ ބުންޏެވެ.
މިއަދު ހިނގި މާރާމާރީއާ އެކު، މި އަހަރު ތެރޭ ވަނީ ހަތަރު މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފަ އެވެ. އެގޮތުން މިދިޔަ މަހުގެ 27ގައި މާލޭގެ ތިން ސަރަހައްދެއްގައި ވަނީ ދެ މީހަކާއި ކުޑަކުއްޖެއްގެ ގަޔަށް ވަޅި ހަރާފަ އެވެ. އަދި މި މަހުގެ އެއް ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީގެ ބުރަކައްޓަށް ވަޅި ޖަހައި ވަނީ ޒަހަމްކޮށްލާފަ އެވެ. އޭގެ ފަހުން އަޑިޕާކް ސަރަހައްދުގައި ފުރާވަރު ކުއްޖެއްގެ ގައިގައި ދަގަނޑު ބުރިއަކުން ޖަހައި ވަނީ ޒަހަމްކޮށްލާފަ އެވެ.