މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވާނަރު ކަމުގެ މަގާމަށް މައްޗަންގޮޅި ރޮޒޭރިއަމް ޑރ. ޢަޒީމާ އާދަމް ޢައްޔަނު ކުރެއްވުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދެވުމަށް، އެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް މިއަދު ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވައިފި އެވެ.

ޑޮކްޓަރު ޢަޒީމާ އާދަމަކީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ، އަދި މިހާރު ވެސް ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. އޭނާ މިހާރު ހުންނެވީ، އެސިސްޓެންޓް ގަވާނަރު، އަދި ޗީފް އިކޮނޮމިސްޓް، މަނިޓަރީ ޕޮލިސީ، ރިސާޗް އެންޑް ސްޓެޓިސްޓިކްސް ކަމުގެ މަޤާމުގަ އެވެ. އޭނާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ޚިދުމަތް ކުރައްވަން ފެށްޓެވީ 1991 ވަނަ އަހަރުގެ މޭ މަހު އެވެ.

ޑޮކްޓަރު ޢަޒީމާ އާދަމް ޕީއެޗްޑީ ހާސިލު ކުރެއްވީ އޮސްޓްރޭލިޔާގެ ޔުނިވަސިޓީ އޮފް ކެންބަރާގައި އިކޮނޮމިކްސްގެ ރޮނގުންނެވެ. މާސްޓަޒް ޑިގްރީ ހާސިލު ކުރެއްވީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ލެއިސެސްޓަގައި އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެންޑް ފައިނޭންސްގެ ރޮނގުންނެވެ.