12 Feb 2014, 14:58
ޗަންދަނީމަގާއި ފަރީދީމަގު ސީގަލް ކަންމަތީގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު މެންދުރު 1:15 އެހާކަންހާއިރު ހިނގި އެ އެކްސިޑެންޓްގައި އަންހެނަކު ޒަހަމްވެފައިވާ ކަމަށާއި އެމީހާ އަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
ޕްރައިވެޓް ކަޅު ކުލައިގެ ކާރު ދުއްވާފައި ދިޔައީ އިސްލާމީ މަރުކަޒު ކައިރިން ފަރީދީމަގަށެވެ. އެ ކާރު އެކްސިޑެންޓްވީ އެވަގުތު ފަރީމަގު އައިކެއާ ކަންމަތީގައި ނުގަވައިދުން ޕާކްކޮށްފައި އިން ސައިކަލެއްގައި ޖެހިގެންނެވެ. އަދި އެވަގުތު އެ ސައިކަލް ވިއްސައިގެން ގޮސް އެސަރަހައްދުގައި ޕާކްކޮށްފައިވާ އިތުރު ސައިކަލްތަކެއްގައި ޖެހި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓްގައި ޒަހަމްވެފައިވަނީ އެވަގުތު މަގު ހުރަސްކުރުމަށްޓަކައި އައިކެއާ ކައިރީގައި ޕޭމަންޓުން ބޭރުގައި މަޑުކޮށްގެން ތިބި ދެ އަންހެނުންގެ ތެރެއިން އެކަކު ކަމަށެވެ. އުމުރުން 38 އަހަރުގެ އެ އަންހެން މީހާ ޒަހަމްވީ އެސަރަހައްދުގައި ޕާކްކޮށްފައިވާ ސައިކަލްތަކާއި ވިއްސައިގެން ދިޔަ ސައިކަލާ ދެމެދުގައި ފިތިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ކަޅު ކުލައިގެ ކާރު ދުއްވަން އިނީ ބަންގްލަދޭޝްގެ މީހެކެވެ. އަދި އެ އެކްސިޑެންޓުގައި އެމީހާ ފިޓް ޖެހިގެން އޭނާ ވެސް ވަނީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދޭން ފަށައިފަ އެވެ.
އެ އެކްސިޑެންޓްގައި އެ ސަރަހައްދުގައި ޕާކްކޮށްފައި ހުރި ސައިކަލްތަކުގެ އިތުރުން އެތަނުގައި ހުރި ޓްރެފިކް ލައިޓް ހަރުކޮށްފައި ހުންނަ ހޮޅި ދަނޑިއަށް ވެސް ވަނީ ގެއްލުންތަކެއްވެފަ އެވެ.