ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އެސިސްޓެންޓް ކޯޗު ކަމުގެ މަގާމަށް، ބީޖީ ސްޕޯޓްސްގެ ކުރީގެ ކޯޗު އިސްމާއީލް އަނިލް ހަމަޖައްސައިފި އެވެ.

މިދިޔަ ސީޒަން ފެށިއިރު ބީޖީގެ ކޯޗުކަމުގައި ހުރި އިޓަލީގެ ފަބިއޯ ލޮޕޭޒްގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށްފަހު، އެޓީމުން ލޮޕޭޒް ފޮނުވާލުމުން ސީޒަންގެ ނިޔަލަށް ބީޖީގެ ކޯޗުކަމުގެ މަގާމު އަދާކުރި އަނިލްއަކީ، ޖަރުމަނުގައި ޔުއެފާ ބީ ލައިސަންސް ކޯސް ފުރިހަމަކޮށްފައިވާ ކޯޗެކެވެ.

ނިއު އިން ބުނީ، އެ ކްލަބުގެ ސްޕެއިން ކޯޗު ޕެރޭޒް ގާސިއާގެ އެހީތެރިއެރިއެއްގެ ގޮތުން މަސައްކަތް ކުރުމަށް އަނިލްއަކީ އެންމެ އެކަށޭނަ ކޯޗު ކަމަށް ދެކޭ ކަމަށެވެ.

ވާދަވެރި ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ކެޕްޓަން ކަމުގައި 2002 ވަނަ އަހަރު އެޓީމަށް ގައުމީ ތަށި މިލްކުކޮށްދީ އަދި އެ މުބާރާތުގެ ތަށި މިލްކުކުރަން 1992 ވަނަ އަހަރު ނިއުއިން ކުރި މަސައްކަތަށް ހުރަސްއެޅި އަނިލް މިފަހަރު މި ނުކުންނަނީ ނިއުރޭޑިއަންޓަށް ގައުމީ މުބާރާތުގެ އިތުރުން ދިވެހި ލީގު ވެސް ޖެހިޖެހިގެން ތިންފަހަރު ހޯދުމުގައި އެހީތެރިވުމަށެވެ.

ނިއުގެ ޑައިރެކްޓާ އޮފް ފުޓްބޯލް އަންވަރު އަލީ ވިދާޅުވީ، އަނިލް އެޓީމާ ގުޅުނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ކަމަށާއި އަދި ކްލަބުގެ ފަރިތަކުރުންތަކުގައި މާދަމައިން ފެށިގެން އަނިލް ބައިވެރިވަމުން ގެންދާނެ ކަމަށެވެ.

އަނިލް އަކީ އެފްއޭއެމް އިން 2012 ވަނަ އަހަރު ބޭއްވި ވިމެންސް ފުޓްބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންސް ސަން ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް (ސަން ފުޓްބޯލް ޓީމު)ގެ އޭރުގެ ކޯޗެވެ.