މެކްސިކޯގެ ކަންކުންގައި ނިމިގެންދިއަ އ.ދ.ގެ މޫސުމާބެހޭ ބައްދަލުވުމުގެ ނިންމުންތަކަށް ނުވަތަ "ކަންކުން އެގްރީމެންޓްސް" އަށް ރާއްޖޭގެ ތާއީދު އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މެކްސިކޯގެ ރައީސް ފިލިޕޭ ކެލްޑްރޯން އަށް ފޮނުއްވި ސިޓީފުޅެއްގައި، "ކަންކުން އެގްރީމެންޓްސް" އަށް ރާއްޖެއިން ފުރިހަމައަށް ތާޢީދު ކުރާ ކަމަށާއި، ކަންކުންގައި ވެވުނު އެއްބަސްވުންތަކަކީ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވުމަށް އެކުލަވާލެވޭ ޤާނޫނީ ބާރު ލިބިގެންވާ އާ މުއާހަދާއެއްގެ ބިންގާކަމުގައި ވެގެންދާނެ އުންމީދުކުރައްވާ ކަމުގައި ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.


ކަންކުން އެގްރީމެންޓްސް" މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ، މިދިޔަ އަހަރު ޑެންމާކުގެ ވެރިރަށް ކޯޕަންހޭގަންގައި ބޭއްވި އދ. ގެ މޫސުމާ ބެހޭ ބައްދަލުވުމުން ފާސްކުރި "ކޯޕަންހޭގަން އެކޯޑް" ގެ ކާމިޔާބީގެ މައްޗަށެވެ.
ކޯޕަންހޭގަން އެކޯޑްގައި ހިމެނިފައިވާ މުހިންމު ނުކުތާތައް، ކަންކުންގައި އެއްބަސްވެވުނު "ކަންކުން އެގްރީމެންޓްސް"ގައި ހިމެނިފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އޭގެ ތެރޭގައި ޖައްވަށް ދޫކުރާ ކާބަންގެ ނިސްބަތް މަދުކުރުމަށް ހުރިހާ ގައުމަކުންވެސް އެއްބަސްވުމާއި، ތަރައްޤީވަމުން އަންނަ ގައުމުތަކުން މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި، ކާރބަން މަދުކޮށް ތަރައްޤީ ހާސިލް ކުރުމަށް ކުރާ މަސައްކަތަކަށް އެހީތެރިވުމަށް ފަންޑެއް ގާއިމްކުރުން ހިމެނެ އެވެ.
ރައީސްގެ ސިޓީފުޅުގައި، ކަންކުންގައި ބޭއްވުނު މޫސުމާބެހޭ ބައްދަލުވުމުގައި، ހުރިހާ ފަރާތެއްގެ ބައިވެރިވުމާއެކު، މުހިންމު އެއްބަސްވުންތަކެއް ނުވަތަ "ކަންކުން އެގްރީމެންޓްސް" އެކުލަވާލުމުގައި މެކްސިކޯ ސަރުކާރުން ހޯއްދެވި ފުރިހަމަ ކާމިޔާބީ ފާހަގަކުރައްވައި، މެކްސިކޯގެ ރައީސް ކެލްޑްރޯންއަށް މަރުޙަބާ ވިދާޅުވެފައި ވެއެވެ. އަދި އެ ބައްދަލުވުމުގެ މަޝްވަރާތައް ހާމަކަން ބޮޑު ގޮތެއްގައި ހުރިހާ ފަރާތެއްގެ ބައިވެރިވުމާއެކު ކުރިއަށް ގެންދިއުމަށް މަގުފަހި ކުރުމަށް މެކްސިކޯ ސަރުކާރުން ކޮށްފައިވާ އިންތިޒާމްތަކަށް ވެސް ރައީސް މަރުހަބާ ވިދާޅުވެފައިވެ އެވެ.
އަދި ކަންކުންގައި ބެއްވުނު ކޮޕް16، މޫސުމާބެހޭ ވާހަކަތަކުގެ ސަބަބުން، ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންގް (ޔޫ.އެން.އެފް.ސީ.ސީ.ސީ.) އަށް ދުނިޔެއިން ކުރާ އިތުބާރު އަލުން ހޯދިފައިވާ ކަމަށް ރައީސް ވިދާޅުވެފައިވެ ވެއެވެ.
އަދި އެ ސިޓީފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ރާއްޖެއިން ގެންގުޅޭ ވިސްނުމާ އެއްގޮތަށް، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ހުރިހާ ގައުމެއްގެ ވެސް ދައުރު އޮތް ކަމަށާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި، ކާބަން މަދުކޮށް ތަރައްގީ ހާސިލް ކުރުމަށް މަސައްކަތް ކުރުމަށް ތަރައްގީވަމުން އަންނަ ގައުމުތަކަށް ތަރައްގީވެފައިވާ ގައުމުތަކުން މާލީ އެހީތެރިކަން ފޯރުވައިދޭންޖެހޭނެކަން "ކަންކުން އެގްރީމެންޓްސް" ގައި ބަޔާންކޮށްފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.
އަދި، އެ އެގްރިމެންޓްސްއަކީ ކުރިއެރުމަށް މަގުފަހިވާ އަދި އެކުގައި މަސައްކަތް ކުރުމުގެ ރޫހުގެ މައްޗަށް ނިންމިފައިވާ ނިންމުން ތަކެއްކަމަށް ވާތީ އެކަމާ އުފާފުޅު ކުރައްވާ ކަމުގައި ރައީސް ވިދާޅުވެފައި ވެއެވެ.