12 Feb 2014, 14:30
ހދ. ކުޅުދުއްފުށީ ކުޅި އޮންނަ ސަރަހައްދުގައި އެއާޕޯޓެއް އެޅުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް އިކޯކެއާ މޯލްޑިވްސް އިން ބުނެފި އެވެ.
އިކޯކެއާ އިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 22 ވަނަ މާއްދާގައި ގުދުރަތީ ތިމާވެށި ހިމާޔަތް ކުރުމާއި އިގްތިސާދީ އަދި އިޖްތިމާއީ ހަރަކާތްތަކުގެ ސަބަބުން ތިމާވެށި ތަޣައްޔަރުވިޔަ ނުދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
"އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ހޯދުމަށް ކުރެވޭ މަސައްކަތްތަކަކީ ތިމާވެށި ހިމާޔަތް ކުރެވޭ ދެމެހެއްޓެނިވި ތަރައްގީގެ އުސޫލުތަކުގެ މަތިން ކުރެވޭ ކަންތައްތައް ކަމަށް ހެދުމަށާއި މިފަދަ ހަރަކާތްތަކުގެ ސަބަބުން ތިމާވެށި ތަގައްޔަރުވިޔަ ނުދިނުމަށާއި ދިރޭތަކެތީގެ ނަސްލެއް ނެތިގެންދިޔަ ނުދިނުމަށާއި ތިމާވެށި ހަލާކުވެދިޔަ ނުދިނުމަށާއި ގުދުރަތީ ވަސީލަތްތައް ބޭކާރުވެދިޔަ ނުދިނުމަކީ ދައުލަތުން ބާރުއަޅަންވާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވޭ،" އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ހަނިމާދޫއާ އެންމެ 16 ކިލޯ މީޓަރު ދުރުގައި އޮންނަ ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަކީ ތިމާވެއްޓަށް ގެއްލުން ހުރި ކަމެއްގެ އިތުރުން އިގްތިސާދީ ގޮތުން ބެލި ނަމަވެސް ރަނގަޅު އިންވެސްޓްމަންޓެއް ނޫން ކަމަށެވެ.
"ހދ. ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަށް ސަރުކާރުން ނިންމި ނިންމުން އަޅުގަނޑުމެން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އާންމު ރައްޔިތުންގެ ބޭނުންތައް ފުއްދުމަށް އަޅުގަނޑުމެންގެ އިރުޝާދަކީ ހަނިމާދޫ އާއި ކުޅުދުއްފުއްޓާއި ދޭތެރޭ ހަރުދަނާ ފެރީގެ ނިޒާމެއް ގާއިމް ކުރުން،" އެ ބަޔާނުގައިވެ އެވެ.
ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަމީން އިބްރާހިމް ވިދާޅުވެފައި ވަނީ އެއާޕޯޓު އެޅުމަށް ކުޅުދުއްފުށީ ކުޅި ކޮންމެވެސް ވަރަކަށް ހިއްކަންޖެހޭނެ ކަމަށާއި ކުޅި ހިއްކި ނަމަވެސް އެކަން ކުރިއަށް ގެންދާނީ ތިމާވެށީގެ ތަޖުރިބާކާރުންގެ ލަފަޔާ އެކު އެބޭފުޅުންގެ ވެސް އެހީތެރިކަމާއެކު ކަމަށެވެ.
"(އެއާޕޯޓް އެޅުމަށް) ކޮންމެސް ވަރަކަށް ހިއްކަން ވެސް ޖެހޭ. އަދި އެތަނުގައި އޮތް ކުޅި ވެސް ހިއްކަންޖެހޭ. މުޅި ކުޅިތޯ އެއްބައިތޯ އަދި އަޅުގަނޑުމެން ފަހުން ކަނޑައަޅާނަން،" އަމީން ވިދާޅުވެފައިވެ އެވެ. "އެންވަރަމަންޓް ސްޕެޝަލިސްޓުންގެ އެޑްވައިސްއާ އެކީގައި އަޅުގަނޑުމެން މިކަހަލަ ކަމެއް ކުރާނީ. އެބޭފުޅުންނާ ދެކޮޅަށް ކޮންމެހެން އަޅުގަނޑުމެން މިކަހަލަ ކަމެއް ނުކުރާނަން. އެބޭފުޅުންނާ ވެސް މަޝްވަރާ ކޮށްގެން."