އެލް މޯބައިލް ޔޫތު ޗެމްޕިއަންޝިޕްގެ ކުއާޓާ ފައިނަލްގެ ފަހު މެޗުގައި ރޭ ވައިކަރަދޫ އެފްސީ 2-1 ލަނޑުން ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ކަށަވަރު ކޮށްފި އެވެ.

އެފްއޭއެމްގެ ޓާފް އެއް ނަންބަރު ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑް ނެގީ ވައިކަރަދޫގެ ޓީމުންނެވެ. އެ ލަނޑު ދެ ވަނަ ހާފުގެ ކުރީ ކޮޅު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އިބްރާހިމް ޒާއިދުއެވެ.

ރޭގެ މެޗުގައި ވައިކަރަދޫގެ ޓީމުން ލަނޑު ޖަހާ ލީޑް ނެގުމުން އިދިކޮޅު މާޒިޔާގެ ޓީމުން ވައިކަރަދޫގެ ގޯލަށް ފޮނުވާލި ނުރައްކާތެރި ބޯޅަތައް ދިފާއު ކުރުމުގައި ވާއިކަރަދޫގެ ގޯލްކީޕަރުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެން ދިޔަކަން ފާހަގަ ކޮށްލެވުނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި މާޒިޔާއިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ އިތުރަށް ދެއްކި ދެމިނެޓްގެ ތެރެއިން ފުރަތަމަ މިނެޓުގައެވެ. އެލަނޑު މާޒިޔާއަށް ކާމިޔާބު ކޮށްދިނީ ހަމްޒާ އަބޫބަކުރެވެ. އަދި އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައި މާޒިޔާގެ ޑިފެންޑަރު މުހައްމަދު ސާއިފް ވަނީ ލަނޑެއް ޖަހައި، މާޒިޔާ މޮޅުކޮށްދީފައެވެ.

މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އަންނަ އާދިއްތަ ދުވަހު ހަވީރު 4:10 ގައި ކެލާ ނާޅި ނިކުންނާނީ އީގަލްސްއާ ދެކޮޅަށެވެ. އަދި ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި އަންނަ ހޯމަ ދުވަހު 4:10 ގައި ބައްދަލުކުރާ ދެޓީމަކީ މާޒިޔާ އާއި އޭދަފުށި ޒުވާނުންގެ ކްލަބެވެ.