ރަހުމަތްތެރި ކަމުގެ މެޗެއްގައި އިއްޔެ ހަވީރު ކުޅުނު މެޗު، ރާއްޖޭގެ ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބް އަތުން 3-1 ލަނޑުން ސީޝެލްސްގެ ފުރަތަމަ ޑިވިޝަންގެ ކްލަބް ނޮދާން ޑައިނަމޯއާ މޮޅުވެއްޖެ އެވެ.

އެފްއޭއެމްގެ ޓާފް އެއްނަންބަރު ދަނޑުގައި އިއްޔެ ކުޅުނު މެޗުފެ ފުރަތަމަ ލަނޑު މެޗުގެ 25 ވަނަ މިނެޓުގައި ޑައިމޯއާގެ ޓީމަށް ކާމިޔާބު ކޮށްދިނީ ފޯވަޑް ތޮޑިސަން އަސްމަން އެވެ. އަދި މެޗުގެ ލީޑް ނެގި ލަނޑު ޑައިނަމޯއާގެ ޓީމަށް ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މާކަސް އެވެ.

ޑައިނަމޯއާގެ ޓީމުން ނިއު ކޮޅަށް ޖެހި ތިން ވަނަ ލަނޑު މެޗުގެ 87 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށް ދިނީ މެހިލޭ ވަރަން އެވެ.

އިއްޔެގެ މެޗުގައި ޑައިނަމޯއާ ކޮޅަށް ނިއުއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި އެޓީމަށް ޖަހައި ދިނީ އަލީ ފާސިރު (ސެންޓޭ) އެވެ.

ނޮދާން ޑައިނަމޯއާ ޓީމް ރާއްޖެ އަށް ކުރާ މިދަތުރުގައި މިދިޔަ އާދިއްތަ ދުވަހު ހަވީރު ކުޅުނު ރަހުމަތްތެރި ކަމުގެ ފުރަތަމަ މެޗުގައި މާޒިޔާ އަތުން 3-1 ލަނޑުން ވަނީ ބަލިވެފަ އެވެ.

ސީޝެލްސްގެ ނޮދާން ޑައިނަމޯއާގެ ޓީމްގެ ޗެއާމަން އަކީ ޔުނިވާސަލް އެންޓަޕްރައިޒަސްގެ ޑިރެކްޓަރު އަހުމަދު މާހިރު ދީދީ (އަހައްމައިދީ) އެވެ.