ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުގައި މެޖިސްޓްރޭޓަކު ނެތި ގިނަ ދުވަސްތަކެއްވުމުން ކޯޓު ބަންދުކޮށް މުޒާހަރާ ކުރަމުން އެބަ ދެ އެވެ.

ހަނިމާދޫން ސަން އޮންލައިން އަށް މައުލޫމާތު ދިން މުހައްމަދު އާދަމް ބުނީ އެ ރަށުގެ މެޖިސްޓްރޭޓް ކޮރަޕްޝަންގެ މައްސަލައެއްގައި ސަސްޕެންޑް ކޮށްފައި ހުންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި މައްސަލައެއް ބަލަންވެއްޖެ ނަމަ އެ ރަށު ކޯޓަށް ގެންނަން ޖެހެނީ އެ އަތޮޅު ނޮޅިވަރަމްފަރު މެޖިސްޓްރޭޓް ކަމަށެވެ.

"ނޮޅިވަރަމްފަރު މެޖިސްޓްރޭޓް އަންނާނީ މަހަކު އެއްފަހަރު. ކޯޓަށް ހުށަހަޅާ މައްސަލަތައް އަހަރު ދެ އަހަރު ވާއިރު ވެސް ހުރި ގޮތަށް ހުންނަނީ. މި ރަށު ކޯޓުގައި ހަމައެކަނި ކުރެވޭ ކަމަކީ ކައިވެނި. އެ ވެސް ނޮޅިވަރަމް މެޖިސްޓްރޭޓް އެ ރަށުން ގެނައުމާއި ގެންދިއުމުގެ ހަރަދު އަމިއްލަ އަށް ކޮށްގެން،" އޭނާ ބުންޏެވެ.

އާދަމް ބުނީ ކޯޓު ކައިރި މުޒާހަރާ ކުރަމުންދާ ރައްޔިތުން މާ ބޮޑު ކަމެއް ނުކޮށް ސުލްހަވެރި ކަމާއެކު ކޯޓު ކައިރި ތިބީ ކަމަށެވެ.

"އިދާރީ މުވައްޒަފުން ވެސް ކޯޓު ހުޅުވަން ދިޔަ މިއަދު. އެކަމަކު ކޯޓު ދޮރުމަތީ މީހުން އެއްވެފައި ތިބީމަ އެމީހުން ވެސް މަޑުކޮށްލައިގެން ތިބީ،" އާދަމް ބުންޏެވެ.

ހަނިމާދޫ ރަށު ކައުންސިލްގެ މެންބަރަކު ނޫހުގައި ނަން ނުޖެހުމަށް އެދި ބުނީ މުޒާހަރާ ކުރަމުންދާ މީހުން ތިބީ ކޯޓުގެ ގޭޓު ބަންދުކޮށްގެން ކަމަށާއި މުޒާހަރާ ކުރާ ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށެވެ.