12 Feb 2014, 12:18
ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ކަމުގެ މަގާމުގައި ހުންނެވި އެންޑްރޫ ޖޭ ހިލީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް ވެސް ހަމަޖައްސައިފި އެވެ.
ބީއެމްއެލުން ބުނީ އެންޑްރޫ އެމަގާމަށް ހަމަޖައްސާފައި ވަނީ މިދިޔަ ހޯމަ ދުވަހު ބޭއްވި އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު ބައްދަލުވުމުގައި އޭނާ އެމަގާމަށް ހަމަޖެއްސުމަށް އެ މެމްބަރުން ނިންމެވުމާ ގުޅިގެން ކަމަށެވެ.
އެންޑްރޫ ބީއެމްއެލްގެ ސީއީއޯގެ މަގާމަށް އައްޔަންކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހުގަ އެވެ. އަދި އެ ބޭންކްގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން އެންޑްރޫ ހަމަޖައްސަވާފައި ވަނީ މިމަހުގެ 6 ވަނަ ދުވަހު އެވެ.
ބޭންކް ހިންގެވުމުގައި 18 އަހަރު ތަޒުރިބާ ލިބިވަޑައިގެންފައިވާ އެންޑްރޫ ވަނީ މިހާތަނަށް ބައިނަލްއަގުވާމީ ދެ ބޭންކިންގް ގްރޫޕެއްގައި މަސައްކަތް ކުރައްވައިފަ އެވެ. އެގޮތުން ޑާންސްކް ބޭންކިންގް ގްރޫޕްގެ ސްކެންޑިނޭވިއަން އިންސްޓިޓުޝަންގެ އައިރިޝް ސީއީއޯ އަދި އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު ކަން ވަނީ ކުރައްވައިފަ އެވެ. މީގެއިތުރުން ސްކޮޓްލޭންޑާއި އެމެރިކާގެ ބޭންކްތަކުގައި އިސް މަގާމުތަކެއް އޭނާ ވަނީ ފުރުއްވައިފަ އެވެ.
މީގެއިތުރުން އޭނާ އަލީ ރީޓެއިލް އަދި ކޮމާޝަލް ބޭންކިން އާއި ޕްރޮޖެކްޓް ފައިނޭންސިންނާއި އިންޓަނޭޝަނަލް ޓްރޭޑް ފައިނޭޝިން އިން ގިނަ ތަޒުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.