12 Feb 2014, 12:15
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި 2013 ވަނަ އަހަރު ކިޔެވި ދަރިވަރުންނާއި 2014 ވަނަ އަހަރުގެ ފުރަތަމަ ޓާމްގައި އަލަށް ކޯސްތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ސްކީމަށް ހޮވުނު ފަރާތްތަކަށް މިއަދު ސްކޮލާޝިޕް ހަވާލުކޮށްފި އެވެ.
ގައުމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ފަރާތްތަކަށް ސްކޮލާޝިޕް ހަވާލުކޮށްދެއްވީ ޔުނިވަސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޒާހިރު ހުސެއިން އެވެ.
އެ ސްކޮލާޝިޕްތަކުގެ ތެރޭގައި ހިމެނެނީ ޖުމްލަ ތިން ވައްތަރެއްގެ ސްކޮލާޝިޕް އެވެ. އެއީ ޓިއުޝަން ފީ ހިލޭ ކުރުމާއި އަންޑާގްރެޖުއޭޓް ސްކޮލާޝިޕްގެ އިތުރުން ޕޯސްޓް ގްރެޖުއޭޓް ސްކޮލާޝިޕް އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. މުހައްމަދު ޒާހިރު ހުސެއިން ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި "މޮޅު" ކިޔަވާ ކުދިންނަށް ތަނަވަސްކަން ނެތުމުގެ ސަބަބުން ކިޔެވުމުގެ ފުރުސަތު ނުލިބިފައި ތިބެން ނުޖެހޭނެ ކަމަށެވެ. އަދި އެ ކުދިން މަތީ ތައުލީމު ހާސިލްކުރުމަށް ޓަކައި ޔުނިވާސިޓީގެ މިފަދަ ސްކޮލާޝިޕްތަކުގައި ބައިވެރިވުމަކީ ޔުނިވާސިޓީގެ ވަރަށް ބޮޑު އެދުމެއް ކަމަށް ޒާހިރު ވިދާޅުވި އެވެ.
ޔުނިވާސިޓީން މިފަހަރު ހުޅުވާލި ސްކޮލާޝިޕްތަކަށް 195 ދަރިވަރުން ކުރިމަތިލާފައިވާ އިރު ސްކޮލާޝިޕް ދެނީ ސެމިސްޓާ އަކު 24 ދަރިވަރުންނަށެވެ. އެއީ ޓިއުޝަން ފީ ހިލޭ ކުރުމުގެ ބައިން 20 ދަރިވަރުންނާއި އަންޑާގްރެޖުއޭޓް ސްކޮލާޝިޕްގެ ބައިން ދެ ދަރިވަރުންގެ އިތުރުން ޕޯސްޓް ގްރެޖުއޭޓްގެ ބައިން ދެ ދަރިވަރުންނަށެވެ.