12 Feb 2014, 10:39
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރަކަށް ބޭފުޅަކު އައްޔަން ކުރުމަށް މަޖިލީހަށް ނަމެއް ފޮނުވޭނެ ވަކި ދުވަހެއް ވިދާޅުވުމަށް އަދި ނޭނގޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް ވިދާޅުވެއްޖެ އެވެ.
އެމްއެމްއޭގެ ގާނޫނު ބުނާ ގޮތުން ގަވަރުނަރުގެ މަގާމު ހުސްވާތާ 45 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަން ކުރަންޖެހެ އެވެ. ކުރިން ގަވަރުނެއްގެ މަގާމްގައި ހުންނެވި ޑރ. ފަޒީލް ނަޖީބް އިސްތިއުފާދެއްވާފައި ވަނީ މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އޭގެ ފަހުން 45 ދުވަސް ވާނީ މާދަމާ އަށެވެ.
"ސަން" އިން މިއަދު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މުއާޒް ވިދާޅުވީ "އުސޫލް އޮންނަނީ 45 ދުވަހުގެ ތެރޭގައި ގަވަރުނަރެއް ހަމަޖެއްސުން، ވަކި ދުވަހެއް ބުނަން ނޭނގޭ، އެމަސައްކަތް ކުރަމުންދަނީ،" ކަމަށެވެ.
ފަޒީލް އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސް އަބުދުﷲ ޔާމީން ވަނީ ގަވަރުނަރަކަށް އިބްތިޝާމް އަހުމަދު ސައީދުގެ ނަން މަޖިލީހަށް ފޮނުއްވައިފަ އެވެ. ނަމަވެސް ފަހުން ވަނީ އެނަން އަނބުރާ ގެންދަވައިފަ އެވެ.
ބީއެމްއެލްގައި ގާތްގަނޑަކަށް ދިހަ އަހަރު މަސައްކަތްކުރައްވާފައިވާ އިބްތިޝާމްގެ ނަން މަޖިލީހަށް ފޮނުއްވާފައި ވަނީ މިދިޔަ މަހުގެ ކުރީކޮޅެވެ. ނަމަވެސް އޭނާގެ ނަން އަނބުރާ ގެންދެވި ސަބަބު މަޖިލީހަށް ފޮނުއްވެވި ސިޓީގައި ރައީސް ހާމަ ކުރައްވާފައެއް ނުވެ އެވެ.