12 Feb 2014, 10:26
ބާންގީ (ފެބްރުއަރީ 11): އެފްރިކާގެ މެދުތެރޭގެ ގައުމެއް ކަމަށްވާ ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުން ގެންދާ އަނިޔާވެރި އަމަލުތައް ނުހުއްޓުވިއްޖެ ނަމަ މުސްލިމުން އެގައުމުން ހުސްވެދާނެ ކަމުގެ އިންޒާރު އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ ހިޔުމަންރައިޓްސް ވޮޗް އިން ދީފި އެވެ.
ހިޔުމަންރައިޓްސް ވޮޗްގެ ކުއްލި ޙާދިސާތަކާ ބެހޭ އިދާރާގެ ވެރިޔާ ޕީޓަރ ޕޮކާޓް ވިދާޅުވީ ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުން ގެންދާ އަނިޔާވެރި އަމަލުތައް ނުހުއްޓުވިއްޖެ ނަމަ އެގައުމުގެ އެއްބައި މުސްލިމުން މަރާލެވި އަނެއްބައި މުސްލިމުން ރެފިއުޖީންގެ ގޮތުގައި ދޫކޮށް ދިޔުމުގެ ބިރުއެބައޮތް ކަމަށާއި މިހާރު ވެސް އެގައުމު ދޫކޮށް އަވަށްޓެރި ޗާޑަށާއި ކެމެރޮންއަށް ދުވާލަކު 9000 މުސްލިމުން (ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިން) ރެފިއުޖީންގެ ގޮތުގައި ހިޖްރަކުރަމުން ގެންދާކަމުގަ އެވެ.
ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ 4.5 މިލިޔަން މީހުންގެއާބާދީގައި މުސްލިމުންގެ ނިސްބަތަކީ 15 އިންސައްތައެވެ. ނަސާރާއިންގެ ބޮޑު އަޣްލަބިއްޔަތެއް އޮންނަ މިގައުމުގެ މުސްލިމުންގެ ނަސްލު ނައްތާލުމުގެ އަނިޔާވެރި އަމަލުތަކެއް އެމީހުންނާ މިހާރުވަނީ ކުރިމަތިވެފަ އެވެ. މިގޮތުން ނަސާރާ އިން އަނިޔާވެރިކަމުން ސަލާމަތްވުމަށް ޓަކައި އަވަށްޓެރި ގައުމުތަކަށް ހިޖްރަކުރާ މުސްލިމް އާއިލާތަކަށް ވެސް ނަސާރާ މިލީޝިޔާތަކުން ޙަމަލާދީ ފާއިތުވި 10 ވަރަކަށް ދުވަހުގެ ތެރޭގައި 30 އެއްހާ މީހުން މަރާލާފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.
ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ އިގްތިސާދުގައި މުސްލިމުންގެ ދައުރު ވަރަށްބޮޑެވެ. ޚާއްސަކޮށް ގެރިބަކަރި ގެންގުޅުމާއި ދަނޑުވެރިކަން ކުރުމުގައި މުސްލިމުންގެ ދައުރުވަރަށް ފުޅާކަމަށްވެ އެވެ. ހަރުކަށި އަމަލުތަކާގުޅިގެން މުސްލިމުންގެ ގިނަ ބަޔަކު ސެންޓްރަލް އެފްރިކަން ރިޕަބްލިކް އިން ބޭރުވަމުން ދާތީ އެގައުމުގެ އިގްތިސާދު އިތުރަށް ބަލިކަށިވެގެން ދާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
މިދިޔަ އަހަރު ސެންޓްރަލް އެފްރިކަން ރިޕަބްލިކަށް ގެނައި އިންގިލާބަށް ފަހު އެގައުމުގެ ނަސާރާ މިލީޝިޔާތަކުން މުސްލިމުންނާ ދެކޮޅަށް ހިންގަމުންގެންދާ އަނިޔާވެރި އަމަލުތަކުގެ ސަބަބުން އެގައުމުގެ މުސްލިމުންނަށް ވަނީ މިއިން ޒަމާނަކު ވެސް ކުރިމަތިނުވާ ފަދަ އަނިޔާވެރި އަމަލުތަކަކާކުރިމަތިލާންޖެހިފަ އެވެ. ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ ބައިމަދު މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ބައިގިނަ ނަސާރާއިންގެ ޓެރަރިސްޓް ޖަމާއަތްތަކުން ހިންގަމުންގެންދާ ޖަރީމާތަކުގައި އެގައުމުގެ ސިފައިންވެސް ޝާމިލްވާއިރު މިޖަރީމާތަކުގެ ތެރޭގައި މުސްލިމުން މެރުމާއި މުސްލިމުންގެ ގެދޮރުގައި ހުޅުޖެހުމާއި މުދާތައް ފޭރުމާއި އަންހެނުން ރޭޕްކުރުމާއި ކުޑަކުދިން ވަގަށްނެގުން ފަދަ ބޮޑެތި ޖަރީމާތައް ހިމެނޭ ކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެ އެވެ. ނަމަވެސް މިޖަރީމާތައް ދުނިޔޭގެ ބޮޑެތި ބާރުތަކާއި އިސްލާމީ ގައުމުތަކުގެ ވެސް ސަމާލުކަމަށް އަދި އައިސްފައެއް ނުވެ އެވެ. (ނޫސްއެޖެންސީތައް)