ރަނގަޅު ކަމެއްވެސް ރަނގަޅުވާނީ ރަގަޅަށް ކުރީމައެވެ. ދީނުގެ ބޮޑެތި އަޅުކަންތަކުންފެށިފެން ފަރުފަރުން ފިލޮޅު ބޭނުމާއިވެސް ހަމައަށެވެ.


އެއްޒާތަކަށް، އެއްފާޑަކަށް ރާއްޖޭގައި ކުރެވެމުންއައި ވެރިކަމާއިމެދު ރައްޔިތުން ފޫހިވީ ކުއްލިއަކަށް ނޫނެވެ. 1930 ގެ ތެރޭގައި ދުސްތޫރީ ހަމަތަކަކަށް ވެރިކަން ބައްޓަންވެގެން ދިޔަސް، 1960 ގެ އަހަރުތަކުގައި، މިނިވަންކަން ލިބިގެންދިޔަސް، ނުވަތަ ޖުމްހޫރިއްތަކަށް ބަދަލުވެ، "އެޒަމާނަކަށާއި އެޙާލަތަކަށް އެންމެ ފުރިހަމަ" ގޮތްގޮތަށް ޤާނޫނު އަސާސީ ބަދަލުވެގެންދިޔަސް، ރައްޔިތު މީހާއަށް ކުރި ރާހަތެއްނެތެވެ.


ދިވެހިން އެނބުރުނު ކޮންމެ ބަދަލަކާއިއެކުވެސް، އުފާފާޅުކުރުމުގެ ޙަފްލާތައް ބާއްވައެވެ. ބޮނޑިބަތްތައް ކެއްކެއެވެ. ނަށާ ލަވަވެސް ކިޔައެވެ. ގެނެވޭ ބަދަލަށް ތާއީދުކުރާ މީހުން، ލިބުނު ފޮނިމީރުކަމުގެ މަސްތުގައި، ހެޔޮނުބައި ބަލާ ހޯދާކަށް ބޭނުމެއްވެސް ނުވެއެވެ. އަމިއްލަ ހިއްސާވެސް އޮވެގެން ގެނެވުނު ބަދަލަށްވީތީ، އިމެއް މިނެއްނެތް ލޯތްބާއި ތާއީދު ކުރުންމަތީ ދެމިތިބެނީ ހިތްހަމަޖެހިގެންނެވެ. ނުރުހޭމީހާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތުމުން ނުރުހުނަސް މަޑުން ހުންނަން އޭރު އޮންނަނީ ޖެހިފައެވެ.


މިފަހުގެ ތާރީޚުގައި ރާއްޖެއަށް އައި ސިޔާސީ ބަދަލުތައް ތަފާތުވަނީ ހަމަ އެންމެ ގޮތަކުންނެވެ. މަލްޓި ޕާޓީ ޑިމޮކްރެސީއާއިއެކު ރާއްޖެއަށް ވަދެގެންއައި ސިޔާސީ އޮއިވަރުގެ ތެރޭގައި، ސަރުކާރަށް ފާޑުކިއުން މިއަދު މިވަނީ، ކުރީގެ ސަރުކާރުތަކަށް ކިޔުނު ސަނާތަކާއި އެއްމަޤާމަކަށް ވާޞިލް ވެފައެވެ. ރައްޔިތުންގެ ބަޠަލުންނަކީ މިއަދު، ސަރުކާރާއި އިދިކޮޅު މީހުންނެވެ.


ޕާޓީ ސިސްޓަމެއްގެ އެންމެ ހަރުދަނާ އެއްސިފައަކީ މީހަކު ވެރިކަން ކުރުމުގެ ބަދަލުގައި ބަޔަކު ވެރިކަން ކުރުމެވެ. އެކަކު ފާސިދު ވުމަށްވުރެ، ގިނަބަޔަކު ފާސިދުވެގެން ދިއުމުގެ ފުރުޞަތު ކުޑަވާނެތީއެވެ. ޕާޓީގެ ވެރިކަމަށް އަންނަމީހާ ގޯސްކޮށް ކަންތައްކުރުމުގެ ފުރުޞަތު ޕާޓީގެ މެންބަރުން ނުދޭނެތީއެވެ. ނަމަވެސް ރާއްޖެއިން ފެންނަނީ އެމަންޒަރެއްނޫނެވެ. ވެރިކަންކުރާ ޕާޓީއަށް ނުވަތަ އެޕާޓީގެ މެންބަރުންނަށް ސަރުކާރުގެ ހުރިހާކަމެއް ރަނގަޅެވެ. ބަރާބަރެވެ. އަމިއްލަ ރަށުގެ ޞިއްޙީ މަރުކަޒުގައި ޑޮކްޓަރެއް، ނަރުހެއް ނެތްތާގައި، ބޭހެއް ސިރިންޖެއްވެސް ނެތްއިރު، އަނެއް ރަށުގައި، ރައްޔިތުންގެ ފައިސާއިން ގެސްޓްހައުސްތަކާއި، ސްވިމިންގ ޕޫލްތައް ހެދިޔަސް މައްސަލައެއް ނެތެވެ.


އަހަރެމެންގެ ރަށަށް އެއްކަމެއްވެސް ކޮށްނުދީ، ޖެހިގެން އޮތްރަށުގައި، ބޭންކާއި، ސިނަމާއާއި، ސެކަންޑަރީ ސްކޫލާއި، ހޮސްޕިޓަލް އެޅުމުގެ ޝަކުވާކުރަމުން، އެކަންކަމާއިމެދު ނުރުހިގެން ސަރުކާރު ބަދަލުކުރިކަން މިއަދަކު ހަނދާނެއް ނެތެވެ. ކޮންމެ ސަރުކާރެއް އަޔަސް ކޮރަޕްޝަން އޮންނާނެކަމާއި، ވެރިކަމުގައި ތިބޭބަޔަކު ބާރުގެ ބޭނުންވެސް ކުރާނެކަމުގައި ބުނެ ފުއްދާލާއިރު، ކުރީސަރުކާރުން އެމަގަށްކުރި ކަންކަން ޤަބޫލު ނުކުރެވުނީތީ ކުރި މުޒާހަރާތަކާއި، ބަންދުގައި ހޭދަކުރި ދުވަސްތައް ހަނދާނެއްވެސް ނެތެވެ. މާލޭގެ މަޖީދީމަގުގެ ހުރަހަށް 4 ފާރު ރާނާ، ގޭޓް ހަރުކޮށް، ގޭޓްތައް ހުޅުވާ ވަގުތުތަކުގައިނޫނީ ދަތުރު ނުކުރެވޭގޮތަށް ހެދިނަމަވެސް އެފަދަމީހުން މިއަދު ތާއީދު ކުރާނެއެވެ. ވޭތުވެދިޔަ 30 އަހަރު އެންމެ ފާރެއްވެސް ނުރޭނޭ ކަމަށާއި، އާވެރިކަމަށް އެންމެ 2 އަހަރުވީ އިރު މަޖީދީ މަގުގައިވެސް ހުރަހަށް 4 ފާރު ރާނައިފި ކަމުގައި ބުނެ ސަރުކާރުގެ ޤާބިލްކަން ހާމަކޮށްދޭނެއެވެ.


ހަމަ އެގޮތަށް އިދިކޮޅު މީހުންގެ ނަޒަރުގައި ރަނގަޅު އެއްކަމެއްވެސް ނެތެވެ. 65 އަހަރުގެ މީހުންނަށްވެސް ލާރި ލިބެނީ މާލަހުންނެވެ. ބައެއް ފަހަރު ބާ ރުފިޔާވެސް ލިބެއެވެ. ރައީސުގެ ސެކްރެޓަރީވެސް އައްޔަން ކުރަން ޖެހޭނީ އެމީހުންނެވެ.


ނަމަވެސް މިގޮތަކަށް ޤައުމަށް ކުރިޔަކަށް ނުދެވޭނެއެވެ. އިދިކޮޅު މީހުންވެސް ކަންކަން ރަނގަޅުކުރުމަށް އެއްބާރުލާން ޖެހޭނެއެވެ. ޤައުމީ ވިސްނުމެއްގައެވެ. އަޅުގަނޑުމެން އެންމެންގެ ދަރިންގެ މުސްތަޤުބަލަށް ޓަކައެވެ.


ހަމައެއާއިއެކު، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތްވެސް ރޭވުންތެރިކަމާއިއެކު ކުރަންޖެހޭނެއެވެ. ޤާނޫނުތަކާއި ތަކުރާރުކޮށް ޚިލާފުވާނަމަ، އިތުބާރުނެތްކަމުގެ ވޯޓުވެސް ނަގަން ޖެހޭނެއެވެ. ސިޔާސީ މީހުންގެ، ޚާއްޞަކޮށް ސިޔާސީ ޕާޓީތަކުގެ ޒިންމާއަކީ އެއީއެވެ.


ސަރުކާރާއި އެއްކޮޅު މީހުންނާއި ދެކޮޅު މީހުންވެސް ޤައުމުގެ ޙާލަތާއިމެދު ފުންކޮށް ވިސްނަން މިވަނީ ޖެހިފައެވެ. ވެރިކަމުގެ ތެރޭން ކަން ހިނގަމުންއައި ގޮތްތައް ރަގަޅު ނުވެގެން، ތިމާ އުފުލި އަޑުތަކާއި ވީ ޤުރުބާނީތަކާއި އަޅާ ބަލާއިރު، ރަނގަޅުވީ ކަންކަމާއި އިތުރަށް ގޯސްވީ ކަންކަން ދެނެގަންނަން އެބަޖެހެއެވެ. އެދުނު ބަދަލުތައް އަތުވެއްޖެތޯ ހެޔޮހިތުން ވިސްނަން އެބަޖެހެއެވެ. ކުރިން ޖަހަމުން ދިޔަ ކަޑަތަކުގެ ބަދަލުގައި އަޅަންފެށި ބިންގާތަކާއިމެދު ސަމާލުވާން އެބަ ޖެހެއެވެ. ކުށްވެރިންނަށް ޙައްޤު އަދަބު ދެވޭތޯ ނުވަތަ ނޫންތޯ ދެނެގަންނަން އެބަޖެހެއެވެ.


ތިމާއަށާއި، ތިމާގެ ރަށަށް އަދި ޤައުމަށް މޮޅެއް ފައިދާއެއް ވެއްޖެތޯ ނުވަތަ ވަމުން ދޭތޯ ހިސާބުކޮށް ބަލަން އެބަޖެހެއެވެ. ރަށުގެ ބަނދަރުކުޑަވެ ނުވަތަ ނެރުމަގު ތިލަވެ ނުވަތަ ސްކޫލާއި ޞިއްޙީ މަރުކަޒުގެ ފެންވަރުދަށްވެ، ރަށުން ވަޒީފާގެ ފުރުޞަތު ނެތުމުން އާއިލާއަށް އަޅާލެވޭނެ ގޮތެއް ނެތަތީވެ ހިތްހަމަ ނުޖެހިގެން ނުކުމެ ވެރިކަން ބަދަލުކޮށްފައިމެ، އެކަންކަން ހަމަ އެގޮތަށް ހުއްޓާ، ނުވަތަ ބައެއް ކަންކަން ހުރިވަރުގައިވެސް ނެތްއިރު، ތިމާ އުޅޭ ޕާޓީ ވީތީ، ތިމާވެސް ބައިވެރިވެގެން ގެނެވުނު ބަދަލަކަށް ވީތީ، ވެރިކަމުގެ ދިފާޢުގައި ނުވަތަ ބަދަލުގެ ދިފާއުގައި ތިބުމަކީ މޮޔަކަމަކަށް ނޫނީ ނުވާނެއެވެ.


ހަމައެގޮތަށް، ތިމާއަށާއި، ރަށަށް އަދި ޖުމްލަކޮށް މުޅި ޤައުމުގެ ޙާލަތަށް ވިސްނުމަށްފަހު، ހެޔޮބަދަލުތަކެއް އަންނަ ނަމަ، ހާސްކަން ފިލާނަމަ، ސަރުކާރަށް ތާއީދުނުކޮށް، ގޮތްދޫނުކޮށް ތިބުމަކީވެސް ހެޔޮވާނެ ކަމެއްނޫނެވެ.


އެމްޑީޕީގެ މީހުންވެސް އަދި ޑީއާރްޕީގެ މީހުންވެސް ތިބެން ޖެހޭނީ އެބައެއްގެ ފިކުރުގެ މަތީގައެވެ. ސަރުކާރު ހިނގަމުންދަނީ އެފިކުރާއި އެއްގޮތަށްތޯ އަބަދުވެސް މިނެކިރަންވާނެއެވެ. އެބައެއްގެ އަސްލު ފިކުރާއި ޚިލާފަށް ވެރިކަންކުރާނަމަ އިސްލާޙު ކުރުމަށް ނުކުތުން އެންމެ އައުލާކަންބޮޑީ އެބަޔަކު އަމިއްލައަށެވެ. ޤައުމަށާއި ރައްޔިތުންނަށް މަންފާ ކުރާނީ އޭރުންނެވެ.


މުހިންމީ ނިޝާނެއް ނޫނެވެ. ނިޝާން އުފެދުނު މަޤުޞަދެވެ. ހެޔޮ ވެރިކަމާއި، އަދުލު އިންޞާފެވެ. ހަމަހަމަކަމާއި ރައްޔިތުންގެ ހިތްހަމަޖެހުމެވެ. ޤަބޫލުކުރި ހަމަތަކާއި، ޤުރުބާން ވަމުންދިޔަ ފިކުރާއި އެއްގޮތަށް ހުރުމަށްޓަކައި، ގެންނަންޖެހޭ ކޮންމެ ބަދަލެއް ނުގެނެވޭނަމަ ރިފޯމިސްޓަކަށް ނުވާނެއެވެ. އޭރުންވާނީ "ގޮޅަޔަކަށް" ނުވަތަ "ގަންޖާ" އަކަށެވެ.