ވައިޓް ހައުސް (ފެބްރުއަރީ 12): ސޫރިޔާގެ ސޫރިޔާގެ ޢަސްކަރީ ހާލަތު އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައިވާ ކަމަށާއި އެގައުމުގެ މައްސަލަ ޢަސްކަރީ ގޮތުން ޙައްލުކުރުމުގެ ވިސްނުން މިހާރު ނުގެންގުޅޭ ކަމަށް އެމެރިކާ ބުނެފި އެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވީ ސޫރިޔާގެ މައްސަލައަށް އަސްކަރީ ހައްލެއް ގެނައުމާބެހޭ ގޮތުން ވިސްނުމުގެ ބަދަލުގައި އެމެރިކާ މަސައްކަތް ކުރަމުން ގެންދަނީ ހަނގުރާމައިގެ ސަބަބުން ޙާލުގައިޖެހި އަދި ހައިހޫނުކަމާއި ބަލިމަޑުކަން ތަހައްމަލް ކުރަމުންގެންދާ ސޫރިޔާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި ބޭހާ އެނޫން ވެސް އިންސާނީ އެހީތައް ފޯރުކޮށްދިނުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށް ކަމުގަ އެވެ.

ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ހަނގުރާމަވެރިން ސޫރިޔާއަށް ޖަމާވެ އަވަށްޓެރި ގައުމުތަކަށާއި ބައިނަލްއަޤްވާމީ އަމްނާއި ސަލާމަތަށް ނުރައްކާކުރާ ހަނގުރާމަވެރިންގެ މަރުކަޒަކަށް ސޫރިޔާ ބަދަލުވެގެން ހިނގައިދާނެކަމުގެ ބިރު އެމެރިކާ އިހްސާސްކުރަމުންދާކަމަށް އޮބާމާ ވިދާޅުވި އެވެ.

އެމެރިކާ އަށް މިހާރު ވަޑައިގެން އުޅުއްވާ ފަރަންސޭސި ރައީސް ފްރާންސްވާ އޮލާންދް އާ ވައިޓް ހައުސްގައި ބައްދަލުކުރެއްވުމަށް ފަހު ދެބޭފުޅުން އެކުގައި ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ ސޫރިޔާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި އެމީހުންނަށް ސަލާމަތާއި ރައްކާތެރިކަން ދިނުމާބެހޭ ގޮތުން އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ރަޝިޔާ އަށް ވަރުގަދަ މެސެޖެއް ދެއްވާފައިވާ ކަމުގަ އެވެ.

މިނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އޮބާމާ އާއި އޮލާންދް ވަނީ އީރާނުގެ ނިއުކްލިޔާ މައްސަލައިގެ މައްޗަށް ވެސް ބައްލަވާލައްވާފަ އެވެ. މިގޮތުން އީރާނުގެ ނިއުކްލިޔާ މައްސަލަ ހުޅަނގުން ބޭނުންވާ ގޮތަށް ޙައްލުވަންދެން އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެގޮތުގައި ބޭއްވުމަށާއި ދަތިކުރުމުގެ ފިޔަވަޅުތައް ފޫއަޅުވާލުމަށް މަސައްކަތްކުރާ ކުންފުނިތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅުއްވާނެ ކަމުގެ އިންޒާރު ދެއްވައި ދެބޭފުޅުން ވާހަކަ ދައްކަވާފައިވެ އެވެ. (ރޮއިޓާސް)