12 Feb 2014, 09:49
އަލްޖަޒާއިރު (ފެބްރުއަރީ 12): އަލްޖަޒާއިރުގެ ޢަސްކަރީ މަތިންދާބޯޓެއް ވެއްޓި އެއިން ދަތުރުކުރި 78 މީހުންގެ ތެރެއިން 77 މީހުން މަރުވެއްޖެ އެވެ.
އަލްޖަޒާއިރުގެ ދިފާޢީ ވުޒާރާ ބުނާ ގޮތުން ވެއްޓުނު ބޯޓަކީ މީހުންނާއި ޢަސްކަރީ ސާމާނު އުފުލުމަށް ޓަކައި އެގައުމުގެ ސިފައިން ބޭނުންކުރާ "ހާކިއުލަސް ސީ 130 " މަރުކާގެ ޢަސްކަރީ މަތިންދާބޯޓެކެވެ. މިޙާދިސާގައި އެބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން އެންމެ މީހަކު ނޫނީ މަރުން ސަލާމަތްވެފައިނުވާ ކަމަށާއި މަރުން ސަލާމަތްވި މީހާ ވެސް ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ކަމަށް އެވުޒާރާއިން ބުނެ އެވެ.
އަލްޖަޒާއިރުގެ ޢަސްކަރީ މަތިންދާބޯޓު ވެއްޓުނީ އެގައުމުގެ އިރުއުތުރުގެ "ފުރްތާސް" ފަރުބަދަތަކުގެ މަތިން ދަތުރުކުރަމުން ދަނިކޮށް އެފަރުބަދަ ތަކުގެ މައްޗަށް ކަމަށާ އެބޯޓުން ދަތުކުރި ފަސިންޖަރުންނާއި ފަޅުވެރިންނަކީ ވެސް ސިފައިންނާއި މުއައްސަސާ އަށް ނިސްބަތްވާ މީހުންގެ އާއިލާތައް ކަމަށްވެސް އަލްޖަޒާއިރުގެ ދިފާޢީ ވުޒާރާ އިން ބުނެ އެވެ.
މިޙާދިސާއާ ގުޅޭ ގޮތުން މަޢްލޫމާތު ދެއްވި އެވުޒާރާގެ ޢަސްކަރީ ތަރްޖަމާނެއް ކަމަށްވާ ކާނަލް އަލްއަޙްމަދީ ބޫގިރްން ވިދާޅުވީ އެބޯޓު ވެއްޓުމަށް މެދުވެރިވި ސަބަބެއް ކަމަށް ބެލެވެނީ މޫސުން ގޯސްވުން ކަމުގަ އެވެ. މިއީ 2003 ވަނަ އަހަރަށް ފަހު އަލްޖަޒާއިރުގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި ހާދިސާ އެވެ. ދެ ހާސް ތިން ވަނަ އަހަރު ހިނގި އަލްޖަޒާއިރުގެ މަދަނީ މަތިންދާބޯޓެއް ވެއްޓުމުގެ ހާދިސާއެއްގައި 102 މީހުން މަރުވެފައިވެ އެވެ. (ރޮއިޓާސް)