އަހުމަދު ސުހައިލް، 30، މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓެއް ނުލާނެ އެވެ. ސުހައިލް ބުނާ ގޮތުން އޭނާ އަށް ލިބިފައި އޮތް ވޯޓު ދިނުމުގެ ހައްގަށް ބަޔަކު ވަނީ ހުރަސް އަޅައިފަ އެވެ.

މީހަކު ސުހައިލްގެ އައިޑީ ކާޑު ނެގީކީ ނޫނެވެ. ބިރުދެއްކީ އަކީ ވެސް ނޫނެވެ. ސުހައިލް ބުނީ އޭނާގެ އެންމެ އަސާސީ އެއް ހައްގަށް ހުރަސް އެޅީ ޕާޓީތަކުން ކަމަށެވެ. ހުރަސް އެޅީ ފަސްބައި ކިލަނބު، ކޮރަޕްޓު މީހުން ކެންޑިޑޭޓުންގެ ގޮތުގައި ނެރެގެންނެވެ.

"އެންމެނަށް ވެސް އެނގޭނެ ޕާޓީތަކުން ހޮވާފައި ހުރީ ވަރަށް ކޮރަޕްޓު މީހުންކަން. ވޯޓު ލަންޏާ މިކަހަލަ މީހަކަށް މި ވޯޓު ދޭންޖެހެނީ. އެހެންވީމާ އަހަންނަށް އަސްލު ވޯޓު ދިނުމުގެ ހައްގު މި އޮތީ ގެއްލިފައި. ކޮރަޕްޓު ދެ މީހުން ދައްކާފައި ވޯޓު ލާށޭ ބުންޏަސް އަދި އެ ވޯޓުލުމުގެ ހައްގު ދިން ކަމަކަށް ނުވާނެ،" ސުހައިލް ބުންޏެވެ.

ސުހައިލްގެ ވިސްނުމަކީ އަޅުގަނޑުމެންގެ ތެރޭގައި މިހާރު މަދު ވިސްނުމެއް ނޫނެވެ. މަޖިލިސް އިންތިހާބުގައި ވޯޓުނުލާން ނިންމާފައިވާ މީހުން މަދެއް ނޫނެވެ. އަދި ރަނގަޅު ކެންޑިޑޭޓަކު ނެތުމުން، ހަމައެކަނި ވޯޓުލުމުގެ ހައްގުގެ ބޭނުން ހިފުމުގެ މަގްސަދުގައި ވޯޓުލާން ނިންމާފައިވާ މީހުން ވެސް ބައިވަރެވެ.

ކޮރަޕްޓު މީހުން ޕާޓީގެ ކުރީގެ ސަފަށް ނުކުންނަ މައްސަލައަކީ ސިޔާސީ ވެރިން ދޮގު ކުރާ ވާހަކައެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ވިދާޅުވީ ނުފޫޒު ފޯރުވުމާއި ރިޝްވަތު ބެހުމަކީ ސިޔާސީ ބައެއް މީހުން ވަރަށް ފާޅުގައި ކުރާ ކަމެއް ކަމަށެވެ.

"ތިއީ ހިނގާ ކަމެއް. ބައެއް ކެންޑިޑޭޓުން ފާޅުގައި ނުކުމެވެސް އެބަ އުޅޭ ހަމަ ރިޝްވަތު ބަހަން. ބޭނުމީ ބިލު ދައްކަންތޯ، ކުލި ދައްކަންތޯ، ކިޔަވަން ދާންތޯ އަހައި ހަމަ އެކަމަށް ފައިސާ ދޭ މީހުން އެބަ އުޅޭ،" މަހްލޫފް ވިދާޅުވި އެވެ. "ރައްޔިތުންގެ އަތުގައި (ފައިސާގައި ހިފުމާ ނުހިފުމުގެ) ބާރު އޮތީ. އެކަމަކު ރައްޔިތުން ވެސް ކަމަކަށް ބޭނުންވީމަ އެހީއަށް ވެސް އެދޭނެ."

ސުވާލަކީ ޕާޓީގެ އެތެރޭގެ އިންތިހާބެއް ބާއްވައިގެން ރައްޔިތުންގެ ކުރިމައްޗަށް ކެންޑިޑޭޓަކު ނެރޭ އިރު ރިޝްވަތާއި ކޮރަޕްޝަން ނުހިމަނައި މީހަކު ނެރޭނީ ކިހިނަކުންތޯ އެވެ. އެތެރޭގެ އިންތިހާބުތަކުގައި ނުފޫޒު ފޯރުވުމާއި ފައިސާގެ ކަންތައް ބޮޑު ނަމަވެސް އެފަދަ އިންތިހާބެއް ނުބޭއްވުމަކީ ވެސް ހައްލެއް ކަމަށް ނުފެނެ އެވެ. އެއީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ.

"ޕްރައިމެރީ ނުބޭއްވުމަކީ ހައްލެއް ނޫން. އަސްލު މައްސަލައަށް އެކަމުން ހައްލެއް ނާންނާނެ. ބައެއް ފަހަރު ވާ ގޮތަކީ ރައްޔިތުންގެ ހޭލުންތެރިކަން ކުޑަވެފައި ފުދުންތެރިކަން ވެސް ކުޑަވީމާ އެކި ކަހަލަ ނުފޫޒުތައް ފޯރުވަނީ (ކެންޑިޑޭޓުން)،" ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ ވިދާޅުވި އެވެ.

އެހެންވީމަ ހައްލަކީ ކޮބައިތޯ އެވެ؟

"އެމެރިކާ ކަހަލަ ބައެއް ގައުމުތަކުގައި އަދި ރާއްޖޭގައި ވެސް މި އޮންނަ ގޮތަކީ އެމީހަކު އަމިއްލަ އަށް އިންތިހާބަށް ހަރަދު ކުރެވޭނީ ވަކި ވަރަކަށް. ދެން ޖެހޭނީ ފަންޑު ހޯދަން. ހަދަންވީ ގޮތަކީ ގާނޫނަކުން ނުވަތަ އިންތިހާބާ ބެހޭ ގާނޫނުގެ ދަށުން ހަދައި ގަވާއިދަކުން ކަނޑައަޅަންވީ ޕްރައިމެރީއެއްގައި ވެސް ހަރަދު ކުރެވޭނެ މިންވަރެއް. ދެން ރަނގަޅަށް އެކަންތައް މޮނީޓާކޮށް ތަންފީޒު ކުރަންވީ،" ހަމްޒާ ވިދާޅުވި އެވެ.

އިންތިހާބުގެ ކޮރަޕްޝަން ހުއްޓުވުމަށް ދެން ބޭނުން ވަނީ ކޮން ކަމެއްތޯ އެވެ؟ މަހްލޫފްގެ ހިޔާލަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މިހާރަށް ވުރެ ބޮޑަށް ޒިންމާދާރު ކުރުވުމެވެ.

"އެންޓި ކޮރަޕްޝަން ކޮމިޝަން ޖެހޭ މިއަށް ވުރެ ބޮޑަށް ޒިންމާދާރުވާން. ކޮރަޕްޝަން ހިނގާ ނަމަ އެބަޖެހޭ އެކަންތައް ބަލައި ރިޕޯޓް ނެރެ އެ ރިޕޯޓްގައިވާ ކަންތައްތައް ވެސް ތަންފީޒު ކުރަން. ތަންފީޒު ނުކުރެވުމަކީ ހަމަ ވަރަށް ބޮޑު މައްސަލައެއް،" މަހްލޫފް ވިދާޅުވި އެވެ.

މިހާތަނަށް މި ބެލުނީ މުޅިން ވެސް ސިޔާސީ މީހުންގެ ހިޔާލަށެވެ. ސިޔާސީ މީހުންނަށް ފާރަވެރިވާ ފަރާތްތަކުގެ ހިޔާލެއް ވެސް ހޯދާލުން މުހިންމެވެ. ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ފަރާތުން އައިމަން ރަޝީދު ވިދާޅުވީ ޑިމޮކްރެޓިކް ނިޒާމެއްގައި އެންމެ ބާރުވެރި ފަރާތަކީ ހަގީގަތުގައި ރައްޔިތުން ކަމަށާއި ރައްޔިތުންގެ މަސައްކަތުން ސިޔާސީ ކޮރަޕްޝަން ވެސް ހުއްޓުވޭނެ ކަމަށެވެ.

"ޑިމޮކްރެޓިކް ނިޒާމެއްގެ އެންމެ މުހިންމު އެއް ސިފަޔަކީ ރައްޔިތުންގެ ބާރުވެރިކަން. ރައްޔިތުންގެ އެންމެ ބޮޑު ބާރަކީ ވޯޓު. ވޯޓުގެ ބޭނުން ޒިންމާދާރުކޮށް ބޭނުންކޮށްފިއްޔާ ލޯންގް ޓާމްގައި ބަދަލުތަކެއް އަންނާނެ،" އައިމަން ވިދާޅުވި އެވެ.

ހަމައެކަނި ވޯޓުލުމުގެ ކަންތައް ޒިންމާދާރުކޮށްގެން ވެސް މި މައްސަލައަށް ހައްލެއް ނެތެވެ.

"އެއާއެކު ސިޔާސީ ފައިސާގެ ހާމަ ކަމާއި މަޖިލީސް ޖަވާބުދާރީ ކުރުވުން ވެސް. މިހާރު ބައެއް ފަހަރު ވާ ގޮތަކީ މަޖިލީހުގައި މަސައްކަތް ނުކުރެއްވިޔަސް ޕާޓީ މެންބަރެއް ވެއްޖެއްޔާ އެ ނުވޭ މައްސަލައަކަށް،" އޭނާ ވިދާޅުވި އެވެ.
އެ ހުރިހާ ކަމަކަށް ވުރެ ވެސް މުހިންމު ވަރަށް ބޮޑު އެއް ކަމެއް އެބަ އޮތެވެ. މިހާރު އެ މަގާމުގައި ތިއްބެވި ބޭފުޅުން ވެސް އަދި ފަހުން އެ މަގާމަށް ވަޑައިގަންނަވާނެ ބޭފުޅުން ވެސް މިކަންތައް ހަނދުމަފުޅު ބަހައްޓަންޖެހެ އެވެ.

"މެންބަރުން އެބަޖެހޭ ޖަވާބުދާރީވާން،" އައިމަން ވިދާޅުވި އެވެ.

ޕާޓީތަކުގެ ކުރީ ސަފުން ކޮރަޕްޓް މީހުން ޖާގަ ހޯދާ ނަމަ، ވޯޓުލާން ތިބި މީހުންނަށް އޮތް ފުރުސަތަކީ ކޮބައިތޯ އެވެ؟ އެ މީހުންނަށް އޮތީ އެ "ތަޣައްޔަރުވެފައިވާ ކެންޑިޑޭޓަކަށް" ޕާޓީވުމުން ވޯޓު ދޭނީތޯ ނުވަތަ އެކަމުން ބަރިއްޔަވާނީތޯ ނުވަތަ ނޫންތޯ ނިންމުން ނޫންތޯ އެވެ. އެ ނޫން ގޮތެއް އެބަ އޮތްތޯ އެވެ؟