12 Feb 2014, 00:55
ލިވަޕޫލް އަތުން 5-1 އިން އާސެނަލް ބަލިވި މެޗަށްފަހު އެޓީމުގެ މިޑްފީލްޑަރު މެސުތު އޮޒިލް އަށް ކުރިމަތިވަމުން އަންނަ ފާޑުކިއުންތަކަށް ރައްދުދީ، އޮޒިލްގެ ދިފާއުގައި އާސެނަލްގެ ކޯޗު އާސީން ވެންގާ ވާހަކަދައްކައިފި އެވެ.
އާސެނަލްގެ ބައެއް ސަޕޯޓަރުން ގަބޫލުކުރާ ގޮތުގައި ލިވަޕޫލްއަތުން ލަދުގަންނަންޖެހޭ ފަދަ ނަތީޖާއަކުން އާސެނަލް ބަލިވުމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ، މި ދިޔަ އަހަރުގެ ސަމާ ޓްރާންފާގައި ކްލަބް ރެކޯޑް ފީއެއް ކަމަށްވާ 42.5 މިލިއަން ޕައުންޑަށް ސްޕެއިންގެ ރެއާލް މެޑްރިޑުން އާސެނަލްއާ ގުޅުނު 25 އަހަރުގެ ޖަރުމަނު މިޑްފީލްޑަރު ކަމަށެވެ.
"އަހަރެމެންގެ ޑިފެންސް ލައިން އޮތީ ވަރަށް ރަނގަޅަށް. އެކަމަކު މެޗަކުން ބަލިވުމުން އަބަދުވެސް އަހަރެމެންނަށް ހިތްދަތިކަން ލިބޭ. އަހަރެމެން މެޗަކުން ބަލިނުވެ 10 މެޗުން ހަމަކުރިން. އެހެން ކަމުން އެންމެ މެޗެއްގެ ނަތީޖާއަށް ބަލާފައި އެގޮތަށް ފާޑުކިއުމަކީ ރަނގަޅު ގޮތެއް ނޫން،" ވެންގާ ބުންޏެވެ. "އޮޒިލްގެ ވާހަކަދައްކާއިރު، އެހެން ކުޅުންތެރިންނެކޭ އެއްފަދައިން އޭނާއަށް ވެސް އެއީ ރަނގަޅު ދުވަހެއް ނޫން. އެހެން ކަމުން އެންމެ ކުޅުންތެރިއެއްގެ ބޮލުގައި އެގޮތަށް އިލްޒާމެއް ނޭޅުވޭނެ. އެދުވަހު މުޅިޓީމުވެސް ހަމަ ދަށީ،"
ވެންގާ ބުނީ، ހުރިހައި މެޗެއްގައި އެންމެ މޮޅަށް އެއްވެސް ކުޅުންތެރިއަކަށް ނުކުޅެވިދާނެ ކަމަށެވެ. އެގޮތުން އެދުވަހަކީ އޮޒިލްއަށް ވެސް އެންމެ ރަނގަޅު ކުޅުމެއް ދެއްކުނު ދުވަހެއް ނޫން ކަމަށާއި އެހެން ނަމަވެސް އޮޒިލްއަކީ، އާދަޔާ ހިލާފު މޮޅު ކުޅުންތެރިއެއް ކަމަށެވެ.
"އޮޒިލް ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުން، ޕްރިމިއާ ލީގުގައި މިކުޅޭ ވަރުގަދަ ކުޅުމަށް ހޭނެން،" އާސެނަލްގެ ކޯޗު ބުންޏެވެ. "އަހަރެމެން ބޭނުމެއް ނުވޭ އޭނާއަށް އެހާ ބޮޑަށް ޕްރެޝަރު ކުރިމަތި ކުރާކަށް. ސަބަބަކީ އޭނާ (އޮޒިލް) އަކީ އެއަށް ވުރެ މަތީފެންވަރުގެ ކުޅުންތެރިއެއް. އޭނައަށް އެނގޭނެ ކުޅުމުގެ ފެންވަރު ދަށްވެއްޖިއްޔާ ސުވާލު ކުރިމަތިވާނެކަން."
ވެންގާ ބުނީ، އެންފީލްޑްގައި އޭނާގެ ޓީމު ކުރި ތަޖުރިބާއިން އޭނާގެ ކުޅުންތެރިން އިބުރަތެއް ހާސިލްކޮށް، ބުދަދުވަހުގެރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގައި ރަނގަޅު ނަތީޖާއެއް ނެރޭނެ ކަމުގެ އުންމީދު އެބަ އޮތްކަމަށެވެ.