އެމްޑީޕީ އަށް މަޖިލީހުގެ ގޮނޑިތައް ލިބުމަކީ ރާއްޖޭގެ ތަރައްގީއަށް ހުރަސްއެޅޭނެ ކަމެއް ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީގެ ހުޅުދޫގެ ކުރީގެ ކަތީބު މުހައްމަދު ޖަމީލް ޕީޕީއެމް އަށް ސޮއިކުރެއްވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަދީބު ވިދާޅުވީ އެމްޑީޕީއަށް މަޖިލީހުގެ ގޮނޑިތައް ލިބިއްޖެނަމަ ރާއްޖޭގެ ތަރައްގީއަށް ހުރަސްއެޅި، ގައުމު ހަމަނުޖެހުމެއްގެ ތެރެއަށް ހިނގައިދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ގައުމަށް ފައިދާ ހުރި ބިލްތައް މަޖިލީހަށް ހުށަހެޅުމުގެ ބަދަލުގައި ފާއިތުވި ތަނުގައި ވެސް އެމްޑީޕީގެ ކިބައިން ފެނިފައި ވަނީ ވަޒީރުންނާއި މިނިވަން މުއައްސަސާތަކުގެ ބައެއް ބޭފުޅުންގެ އިތުބާރު ނެތްކަމުގެ މައްސަލަތައް މަޖިލީހަށް ހުށަހެޅުން ކަމަށެވެ.

މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ރައީސް އަބްދުﷲ ޔާމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާނެކަމަށް އެމްޑީޕީން ބުނެފައިވާ ކަމަށާއި ރައީސް ޔާމީންގެ ވެރިކަމުގައި ފާއިތުވި ދުވަސްތަކުގައި އިތުބާރުނެތްކަމުގެ ވޯޓު ނަގަންޖެހޭ އެއްވެސް ކަމެއް މެދުވެރިވެފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ މެނިފެސްޓޯގައި ހުރި ވައުދުތައް ސަރުކާރުން ފުއްދާނެ ކަމަށާއި 65 އަހަރުން މަތީގެ މީހުންނަށް ދެމުން އަންނަ އެލަވަންސް 5000ރ. އަށް ބަދަލުކުރި ކުރުމަކީ އެކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ ރައީސް މައުމޫންގެ ވެރިކަމުގައި އައްޑޫއަށް ގެނެސްފައިވާ ތަރައްގީ ފިޔަވައި އިތުރު ތަރައްގީއެއް އެ ސިޓީން ފެންނަން ނެތް ކަމަށެވެ. އަދި ވިދާޅުވީ އިތުރަށް އެ ސިޓީ ތަރައްގީ ކުރުމުގެ ބަދަލުގައި ފެނިގެންދިޔައީ 2012 ވަނަ އަހަރުގެ ފެބްރުއަރީ، އަށް ވަނަ ދުވަހު އެ ސިޓީގައި ހުރި ދައުލަތުގެ އެކި އިމާރާތްތަކުގައި ހުޅުޖަހައި އަންދާލި މަންޒަރު ކަމަށެވެ.

މި ސަރުކާރުން އައްޑޫ ސިޓީގެ ތަރައްގީއަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށާއި އެގޮތުން އައްޑޫއަށް ޚާއްސަކޮށް ކަނޑައަޅާފައިވާ ތަރައްގީގެ ޕްލޭންތައް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިރޭ ޕީޕީއެމްއާ ގުޅިވަޑައިގެންނެވި މުހައްމަދު ޖަމީލަކީ ވަރަށް ގިނަ ދުވަސްވަންދެން ހުޅުދޫގެ ކަތީބުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ ރައްޔިތުންގެ މަޖިލީޙުގެ ހުޅުމީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އިލްޔާސް ލަބީބުގެ ތިމާގެ ބޭފުޅެކެވެ.

މިރޭގެ ރަސްމިއްޔާތުގައި ޕީޕީއެމްގެ ޓިކެޓުގައި ހުޅުދޫ ދާއިރާ އަށް ވާދަކުރައްވާ ކެންޑިޑޭޓު މުހައްމަދު ޝާހިދު ވެސް ބައިވެރިވެވަޑައިގަތެވެ.