ދުވާލުގެ ހަލަބޮލިކަމަށް ފަހު އަޅުގަނޑުމެނަށް ނިދުމުގެ ފުރުސަތެއް މި ލިބެނީ ވަރަށް ލަސްވާ ފަހުންނެވެ. ހަމަ ނިދޭތަނުން ފޯނު ވައިބްރޭޓް ވެގެން ނޫނީ ރިންގު ވެގެން ހޭލެވެ އެވެ. ފޯނު ނަގައި ބަލައިލާއިރު ގަޑިން އަދި ދަންވަރު ތިނެއް ޖަހަނީ އެވެ. ނޭނގުމުގެ ތެރޭގައި ދެން ފޯނުން މެއިލް ބަލާލައި ފޭސްބުކަށް ވަދެލައި ހަދައިލާ އިރު ގަޑި ހޭދަވާ ގޮތް ވެސް ގިނަފަހަރަކު ނޭނގޭނެ އެވެ. ނިދިމަތިން މުޅިން ހަނދާން ނެތޭ ދަނޑިވަޅުތައް ވެސް މަދެއް ނުވާނެ އެވެ.

ކައިރީގައި ފޯނު ބާއްވައިގެން ވަރަށް ގިނަ މީހުން ނިދަނީ ހޭލަން ފަސޭހަ އަކަށެވެ. ފޯނަކީ އެލާމުގެ ޚިދުމަތް ވެސް ލިބޭ އެއްޗަކަށް ވާތީ އެވެ. އެހެން ނަމަވެސް ފޯނު ކައިރީގައި ބާއްވައިގެން ނިދަން އޮތުމުގެ ސަބަބުން އަސްލު ހޭލަން ނިޔަތުގައި އޮންނަ ވަގުތު ނޫން އެތައް ވަގުތަކު ހޭލައި އުޅެން ޖެހެ އެވެ. މިވާ ގޮތަކީ އެލާމުގެ ކުރީން ހޭލެވޭ ކޮންމެ ފަހަރަކު ވެސް ފޯނު ނަގައި ބަލައިލެވެނީ އެވެ. މެސެޖެއް އޮތްތޯ އެވެ. އިންބޮކްސް އެއް އޮތްތޯ އެވެ. ޓްވީޓެއް އޮތްތޯ އެވެ. މިސްޑް ކޯލެއް އޮތްތޯ އެވެ. މިހެން ގޮސް ދެން ކިޔާނެ ކަމެއް ނެތެވެ. ހައްތަހާ ވެސް ބަލަން ޖެހޭ ކަންތަކެވެ.
މިކަމަށް ވަރަށް ފަސޭހަ ހައްލެއް އެބަ އޮތެވެ. ގަޑިއަށް ހޭލުމަށް ޓަކައި އަޅުގަނޑުމެން އެންމެން ވެސް ބޭނުންކުރި އަގުހެޔޮ ވަސީލަތެވެ. ސޯނާ ގަޑިއެވެ. ފޯނު ކޮޓަރިން ވެސް ބޭރުކޮށްލީ އެވެ. ކުރީގައި ވެސް އަޅުގަނޑުމެން ހޭލައި އުޅުނީ ގަޑި ސޯނާކޮށްގެނެވެ.

މޮބައިލް ފޯނު ސައިލެންޓަށްލީ ކަމުގައި ވިއަސް ރޭގަނޑުގެ ވަގުތެއްގައި ހޭލެވުމުން އެއާ ކުޅެލެވުމުގެ ފުރުސަތު ކުޑަވެގެނެއް ނުދެއެވެ. ކައިރީގައި ބާއްވައިގެން ނިދާ ނަމަ އެވެ. އޭތި ނަގައި ބަލައިލުން ވަނީ އާދައަކަށް ވެފަ އެވެ. ނިދީގެ ދިރާސާތައްކުރާ ފަރާތްތަކުން ބުނާގޮތުގައި މިކަމަކީ އެގަޑީގައި އެކްސްޕްރެސޯއެއް ބޯލުމާއި އެއްފަދަ ކަމެކެވެ.
ޔުނިވަރސިޓީ އޮފް ކެލިފޯނިއާ ސެން ފްރަންސިސްކޯ މެޑިކަލް ސެންޓަރގެ ސްލީޕް ޑިސްއޯޑަރ ޔުނިޓްގެ ޑިރެކްޓަރު ކަމުގައިވާ، ޑރ. ޑޭވިޑް އެމް. ކްލަމަން ބުނާ ގޮތުގައި ރޭގަނޑު ހޭލެވުމަށް ފަހު ފޯނުބަލައިގެން ފެންނަ އެއްޗެއްގެ ސަބަބުން ބައެއްފަހަރު ހާސްވެ ކަންބޮޑެވެދާނެ އެވެ. އެހެންވުމުން މީހާގެ ހަށިގަނޑަށް އެކި ކަހަލަ އަސަރުތައް ކުރުވަ އެވެ. އެހިސާބުން ދެން އެ ކަންތަކާ ޖެހުނީ އެވެ. އެރޭގެ ނިދި ނަގާލާފައި ހާސްކަންމަތީގައި ފުރޮޅި ފުރޮޅި އޮންނަން ޖެހިދާނެ އެވެ. ޑރ.ކްލަމަން ބުނާގޮތުގައި ނިދުމުގެ މައްސަލަތައް ހުންނަ މީހުންގެ ތެރޭގައި ފޯނު ނިދާއިރު ކައިރީގައި ގެންގުޅޭމީހުންގެ އަދަދު ގިނަކަން ފާހަގަ ކުރެވެ އެވެ. އޭނާ ބަލާފައިވާ އުމުރުން 20 އަހަރާއި 40 އަހަރާއި ދެމެދުގެ ގިނަ މީހުނަށް އިންސޮމްނިއާ ފަދަ ނިންޖާ ގުޅުންހުރި ބަލިތައް ޖެހުމުގެ މައިގަނޑު އެއެއް ސަބަބަކީ ވެސް ފޯނު ކަމަށް އޭނާ ބުނެ އެވެ.

ބޮޑެތި ބައެއް ދިރާސާތަކުން ދައްކާގޮތުގައި އިނގިރޭސިވިލާތާއި ފިންލޭންޑްގައި މިދިޔަ ގަރުނު ތެރޭގައި ކަންކަމާއި ކަންބޮޑުވެ ހާސްވުމުގެ ސަބަބުން އިންސޮމްނިއާ ޖެހިފައިވާ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އަދި އަހަރެއްގެ ތެރޭގައި އެމެރިކާގެ އާބާދީގެ %40 މީހުނަށް މިބަލީގެ އަސަރުކޮށްފައިވާ އިރު، %15 އަކީ އާންމު ގޮތެއްގައި ދިގު މުއްދަތު ތަކަށް ނިދުމުގެ އެކި މައްސަލަތައް ދިމާވާ މީހުންނެވެ.

ނިދުމުގެ މައްސަލަތަކުގެ ސަބަބުން މީހުންގެ މަސައްކަތަށް ނޭދެވޭ އަސަރު ކުރުމަކީ ހައިރާން ކުރުވާނޭ ކަމެއް ނޫނެވެ. 2011 ގައި ކުރި ދިރާސާއަކުން ދައްކައިދިން ގޮތުގައި މީހެއްގެ މަސައްކަތް އަގުކޮށްފިނަމަ، އަހަރެއްގެ މައްޗަށް މަސައްކަތް ކުރާ ކޮންމެ މީހަކަށް 2280 ޑޮލަރުގެ ގެއްލުން އިންސޮމްނިއާގެ ސަބަބުން ވެފައިވެ އެވެ. އެއީ ގުނަކޮށްލުމުން އަހަރެއްގެ މައްޗަށް 63 ބިލިއަން ޑޮލަރުގެ ގެއްލުމެވެ.

ހުރިހާ ފޯނަކުން ވެސް "އެލާމް" ޖައްސައިލެވޭތީ ފޯނުވެފައި ވަނީ އެންމެން ވެސް ސޯނާ ގަޑިއެއްގެ ގޮތުގައި ބޭނުން ހިފައި ބާލީސް ދަށަށްލައިގެން ގެންގުޅޭ އެއްޗަކަށެވެ. އެލާމެއްގެ ގޮތުގައި ފޯނަށް މަސައްކަތް ކުރެވެނީ މާރަނގަޅަށެވެ. ނިދުމުން މަހުރޫމުކުރާ އެއްޗެއް ކަމުގައި ފޯނު ވެއްޖެއެވެ. އެތައް އަހަރެއްގެ ދިރާސާތަކުން ދައްކާ ގޮތުގައި ސްކްރީނަކަށް ބަލަން އިނދެގެން ނުވަތަ އަލިގަދަވުމުން އަދި އެއްވެސް މީޑިޔާއެއްގެ ވަސީލަތެއް ގިނަ ވަގުތު ބޭނުންކުރުމުން ނިދި ހަލާކުވެދެ އެވެ. އަދި އޭގެ އިތުރުން ފޯނު އަދި ޓެބްލެޓް ތަކުގެ ސްކްރީނުން އަންނަ ނޫކުލައިގެ އައްޔަކީ ސިކުނޑީގެ ހޭލާހުރުމަށް އެހީވާ ރިސެޕްޓަރުތައް ޖައްސައިލަދޭ އެއްޗެކެވެ. ނިދުމުގެ ކުރިން ފޯނާއި ނުވަތަ ޓެބްލެޓާއި ކުޅެން ދެގަޑި އިރު އިނދެފިނަ ނިދުމަށް އިތުރަށް އެއްގަޑި އިރު ނަގާނޭ ކަމުގައި ނިދީގެ ދިރާސާކުރާ ބައެއްގެ ތަހުލީލު ތަކަކުން ހޯދިފައިވެ އެވެ.

ނިއުރޮސައިންޓިސްޓު އަދި ހާވާޑް ޔުނިވަރސިޓީގެ ސްލީޕް މެޑިސިން ޑިިވިޝަންގެ އެސިސްޓަންޓް ޕްރޮފެސަރ އޯފިއު އެމް. ބަކްސްޓަން ބުނާ ގޮތުގައި ނިދާއިރު ކައިރީގައި ފޯނު ގެންގުޅުމުން "ތްރެޓް ވިޖިލަންސް" ކިޔާ ވައްތަރެއްގެ ހާސްކަމެއް މެދުވެރިވެ އެވެ. އޭރުން ނިންޖެއް ނާންނާނެ އެވެ. އޭނާ ބުނާ ގޮތުގައި މިހެން ވުމުން މީހާއަށް އިނދެވޭނީ ހުޝިއާރުކަންމަތީގައި އަބަދުވެސް ކޮންމެވެސް ކަމަކަށް ބަލަބަލައެވެ. މިއީ އިންސޮމްނިއާގެ ހާއްސަ ސިފައެއް ކަމުގައި އޭނާ ބުނެ އެވެ.

ކުޑަކުދީންނާއި ޒުވާނުންގެ ހާލަތު އަދި މާދެރައެވެ. ބަކްސްޓަން ބުނާ ގޮތުގައި ބައެއް ކުދިންނަށް ރަހުމަތްތެރިއެއް ކަމަކު ބޭނުންވެގެން ގުޅާފާނެތީ ނިދަނީ ވެސް ފޯނު ރިންގު ކަނޑާނުލައި ކައިރީގައި ބާއްވައިގެންނެވެ. އެއްވެސް ގަޑިއަކު އެމީހުނަށް ފޯނު ނެގުމަކީ މައްސަލައެއް ކަމުގައި ނުވެއެވެ.

ރޭގަނޑު ދަންވަރު ފޯނަށް ބަލައިގެން އެއްވެސް މީހަކަށް ފައިދާއެއް ނުކުރާނެ އެވެ. އެހެންކަމުން ރޭގަނޑު ނިދާއިރު އެއްވެސް ސްކްރީނެއް ހުންނަ ވަސީލަތެއް ކައިރީގައި ގެންގުޅުން ރަނގަޅެއް ނޫނެވެ. ހެނދުނު ހޭލުމަށް ސޯނާ ގަޑިއެއް އަލުން އިޚުތިޔާރު ކުރަމާ ހިނގާތޯ އެވެ؟