ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ނޭޕާލުގެ ބޮޑުވަޒީރު ‏‏ކަމަށް އިންތިހާބުވެވަޑައިގެންނެވި ސުޝިލް ކޮއިރަލާއަށް ތަހުނިޔާ ވިދާޅުވެއްޖެ އެވެ‏‎.‎

‏ނޭޕާލްގެ ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ‏‏އަދި ‏‏ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ސުޝިލް ކޮއިރަލާއަށް މަރްޙަބާ ވިދާޅުވެ، ‏‏‏ހެޔޮއެދުންތައް ފޮނުއްވާފައިވެ އެވެ.‏

‏ސުޝިލް ކޮއިރަލާގެ ޒައާމަތުގައި، ގައުމީ އަދި ‏‏ބައިނަލްއަގްވާމީ‏‎ ‎‏ގޮތުން ނޭޕާލުގެ ރައްޔިތުންނަށް ‏‏އިތުރު ފާގަތިކަމާއި ކުރިއެރުން ލިބިގެންދާނެ ‏‏ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެ އެވެ‏‎.‎‏ އަދި ދިވެހިރާއްޖެ އާއި ‏‏ނޭޕާލާ ‏ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް އަޚްވަންތަކަމުގެ ގުޅުން، ކުރިއަށް އޮތް ‏‏އަހަރުތަކުގައި ‏‏އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ‏‏‏ވިދާޅުވެފައިވެ އެވެ. ‏

ސުޝިލް ކޮއިރަލާ އަކީ ނޭޕާލުގެ އެންމެ ބޮޑު އަދި އެންމެ ދުވަސްވީ ސިޔާސީ ޕާޓީ ކަމަށްވާ، "ނޭޕާލީ ކޮންގްރެސް"ގެ ލީޑަރެވެ. ނޭޕާލުގެ ރައީސް ރާމް ބަރަން ޔަދާވް، ވެރިރަށް ކަތުމަންޑޫގައި މިއަދު ސުޝިލް ކޮއިރަލާއަށް ބޮޑުވަޒީރުކަމުގެ ހުވާލައިދެއްވާފައިވާއިރު، ސަރުކާރު ހިންގާ ޕާޓީގެ އެންމެ ބޮޑު ކޯލިޝަން ބައިވެރިޔާ، "ކޮމިއުނިސްޓް ޕާޓީ އޮފް ނޭޕާލް" އިން ވަނީ، އެ ޕާޓީން ސަރުކާރުގައި ބައިވެރި ނުވާނޭ ކަމަށް ބުނެފަ އެވެ.

ކޮމިއުނިސްޓް ޕާޓީން ސަރުކާރުގައި ބައިވެރި ނުވާން ނިންމާފައި ވަނީ، އެ ޕާޓީއަށް ސަރުކާރުގެ އެންމެ ބާރުގަދަ ވުޒާރާ ކަމަށްވާ ހޯމް މިނިސްޓްރީ ހަވާލުކުރުމަށް ސުޝިލް ކޮއިރަލާ އެއްބަސްވެވަޑައި ނުގަތުމުން ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.