11 Feb 2014, 21:38
ކަސްޓަމްސްގެ އޮފިސަރުންނަށް އަމާޒުކޮށްގެން، މޯލްޑިވްސް ކަސްޓަމްސް ސާވިސްއާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ ގުޅިގެން ހިންގި "މޮންޓްރިއަލް ޕްރޮޓޮކޯލް އެންފޯސްމަންޓް އޮފިސާސް ޓްރެއިނިން ޕްރޮގްރާމް" ނިމި، ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.
މި ޕްރޮގްރާމަކީ، އޯޒޯން ފަށަލައަށް ނުރައްކާވާ ޒާތުގެ އަދި ތިމާވެއްޓަށް ގެއްލުންދޭފަދަ ތަކެތި ނުވަތަ އެފަދަ މާއްދާތައް ހިމެނޭ ތަކެތި ބޯޑަރު ލެވެލްގައި ދެނެގަނެ، އެތަކެތި ރާއްޖެއަށް އެތެރެވިޔަނުދީ ހިފެހެއްޓޭނެ ގޮތްތަކެއް ހޯދުމުގެ ގޮތުން ކަސްޓަމްސްގެ ފްރޮންޓްލައިންގައި މަސައްކަތްކުރާ އޮފިސަރުންނަށް އެކަމަށް ބޭނުންވާ ތަމްރީނުތައް ދިނުމަށް ހިންގުނު ޕްރޮގްރާމެކެވެ.
ކަސްޓަމްސް ބިލްޑިންގުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕްރިގްރާމުގައި ބައިވެރިވި 23 އޮފިސަރުންނަށް ސެޓްފިކެޓްތައް ބައްސަވައިދެއްވީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ކަސްޓަމްސް އިސްމާއީލް އަބްދުﷲ އެވެ.
އިއްޔެއިން ފެށިގެން ދެދުވަހުގެ މުއްދަތަށް ހިންގި ޕްރޮގްރާމުގައި ކިޔަވައިދެއްވީ އެންވަޔަންމަންޓު މިނިސްޓްރީގެ ފަންނީ މާހިރުންނެވެ.
ސެޓްފިކެޓް ދިނުމަށް ބޭއްވި ހަފްލާގައި ބައިވެރިވެވަޑައިގެންނެވި އެންވަޔަރަންމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ޝާހު އެހަފްލާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ރާއްޖެއަށް އެތެރެކުރުން ކޮންޓްރޯލްކުރެވޭނީ ކަމާބެހޭ އެހެނިހެން ތަންފީޒީ އިދާރާތަކުގެ އެއްބާރުލުން ވެސް ލިބިގެން ކަމަށެވެ.
ތިމާވެއްޓަށް ގެއްލުންދޭ މާއްދާތައް ކޮންޓްރޯލްކުރުމަށް ކަސްޓަމްސްގެ ފަރާތުން ދެމެހެއްޓެނިވި ގޮތެއްގައި ލިބެމުން އަންނަ އެއްބާރުލެއްވުމާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށްޓަކައި ސްޓޭޓް މިނިސްޓަރު ހަސަން ޝާހު ވަނީ ކަސްޓަމްސް އަށް ޝުކުރު އަދާކޮށްފަ އެވެ.