މި އަހަރުގެ ސްކޫލް ސީޒަނާ ދިމާކޮށް ނޮވެލްޓީ ބުކްޝޮޕްގެ ފަރާތުން ބޭއްވި "ފޮތްލިސްޓް ލަކީ ޑްރޯވް 2014"ގެ 100،000 ރުފިޔާގެ ނަސީބުވެރިޔާއަށް އިނާމް ހަވާލުކޮށްފި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 22 އިން މި މަހުގެ 14 އަށް ދޫކޮށްފައިވާ ފޮތް ލިސްޓްތަކާ އެކު ދޫކުރި ކޫޕަނުން 100،000 ރުފިޔާގެ ނަސީބު ވެރިޔަކަށް ހޮވުނީ އދ. މާމިގިލި، ހިކިފިނިފެންމާގެ، އިސްމާއިލް ރަޝީދު،37، އެވެ.

އިސްމާއީލް ރަޝީދަށް އިނާމު ހަވާލުކޮއްދެއްވީ މިއަދު ނަސަންދުރަ ޕެލަސް ހޮޓެލްގައި އެކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ނޮވެލްޓީ ބުކްޝޮޕްގެ މާކެޓިން މެނޭޖަރު މުހައްމަދު އިރުފާން އިސްމާއިލް އެވެ.

"ސަން" އަށް ދިން އިންޓަވިއުއެއްގައި އިސްމާއިލް ރަޝީދު ބުނީ މިފަދަ ލަކީޑްރޯއެއްގެ ނަސީބު ލިބުމުން ވަރަށް އުފާވާ ކަމަށާއި މިއީ އޭނާގެ ހަޔާތުގައި އެފަދަ ނަސީބެއް ލައްވައިލި ފުރަތަމަ ފަހަރުކަމުގަ އެވެ.

ނޮވެލްޓީ ބުކްޝޮޕްގެ ޖެނެރަލް މެނޭޖަރު ވިދާޅުވީ ކަސްޓަމަރުންގެ ފަރާތުން މިފަދަ ފެއާތަކަށް ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށެވެ. އަދި އަގުބޮޑު އިނާމުތަކަކާ އެކު މިއަހަރު އޭޕްރީލް މަހުގެ އެކަކުން 15 އަށް ދަރުބާރުގޭގައި ބުކްފެއާއެއް ކުރިޔަށްގެންދަން ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.