ފަނޑިޔާރުންގެ މަސައްކަތު ފެންވަރު ބަލާ ކޮމެޓީއެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލައިފި އެވެ.

ޖޭއެސްސީން ބުނީ އެ ކޮމެޓީ އެކުލަވާލާފައި ވަނީ ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލުކަން ވަޒަންކުރުމުގެ ގަވާއިދުގެ ދަށުން ކަމަށެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ތިރީގައިވާ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޮމިޝަނަށ ކަނޑައަޅާފައިވާ މެމްބަރު އަބްދުﷲ ހަމީދާއި ސިވިލްސާވިސް ކޮމިޝަނުން އެ ކޮމިޝަނަށް ކަނޑައަޅާފައުވާ މެމްބަރު ޑރ. މުހައްމަދު ލަތީފާއި އާންމުންގެ ތެރެއިން ކޮމިޝަނަށް ކަނޑައަޅާފައިވާ މެމްބަރު އައްޝައިޚް ޝުއައިބް އަބްދުރަހްމާނާއި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ މެމްބަރު ޝަމްސުލްފަލާހްގެ އިތުރުން ގާނޫނީ ވަކީލުންގެ ތެރެއިން ކޮމިޝަނަށް ކަނޑައަޅާފައިވާ މެމްބަރު އަހްމަދު ރަޝީދު އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ފާސްކޮށްފައިވާ “ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލުކަން ވަޒަންކުރުމުގެ ގަވާއިދު"ގައި އެ ކޮމިޓީން ވަރަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ކަނޑައަޅާފައެވެ. އެ ގަވާއިދު ބުނާގޮތުން ކޮމިޓީގެ ރައީސާއި ނާއިބުރައީސް އައްޔަންކުރާނީ ކޮމިޓީގެ މެމްބަރުންގެ މެދުގައި ނެގޭ ސިއްރުވޯޓަކުންނެވެ.