ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރުތަކަށް ޗެލެންޖުކޮށް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ވާހަކަފުޅު ދައްކަވަމުން ގެންދަވާ ކަމަށް ބުނެ އެ ކޮމިޝަންގެ މެމްބަރުން ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އަމުރުކޮށްފި އެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރެއްގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ނިންމުންތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބާއްވާފައިވާ ނިވްސް ކޮންފަރެންސް ތަކުގައި ސުޕްރީމް ކޯޓު ކޮންޓެމްޕްޓް ވާގޮތަށް ވާހަކަދައްކާފައިވާ ކަމަށެވެ.

ކުދި ޕާޓީތައް އުވިގެން ދިޔުމާ ގުޅިގެން އެ ކޯޓުން ކޮށްފައިވާ އަމުރަށް އަމަލުކޮށްފައި ނުވުމުގެ އިތުރަށް މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ކޮށްފައިވާ އަމުރަށް ޗެލެންޖުކޮށް ގާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ގަސްދުގައި އަމަލުތައް ބަހައްޓަމުން އަންނަ ކަމަށް ވެސް އެ އަމުރުގައި ވަނީ ބުނެފަ އެވެ.

އެ އަމުރުގައި ސޮއިކުރައްވާފައި ވަނީ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަސްއޫލިއްޔަތާ ހަވާލުވެ ހުންނެވި ފަރާތުންނެވެ.

އެ އަމުރުގައި ބުނެފައިވާގޮތުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ސުޕްރީމް ކޯޓަށް ހާޒިރުވާން ޖެހޭނީ މާދަމާ 2:00 އަށެވެ.