11 Feb 2014, 17:37
އަންނަ މަހު ބައްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަ ކުރެއްވުމަށް 316 ބޭފުޅަކު ފޯމް ހުށަޙަޅުއްވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
"ސަން" އަށް މިއަދު ހަވީރު ދެއްވި އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ބިޔުރޯގެ ޑިރެކްޓަރު މުހައްމަދު ޝަކީލު ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރުމަށް ފޯމް ހުށަހެޅުމުގެ ވަގުތު މިއަދު ހަވީރު 4:00 އަށް ހަމަވި އިރު ސިޔާސީ ޕާޓީތަކުން 183 ކެންޑިޑޭޓެއްގެ ފޯމް ހުށަހަޅާފައިވާ ކަމަށެވެ. އަދި އަމިއްލަ ގޮތުން ވާދަ ކުރެއްވުމަށް 133 ކެންޑިޑޭޓަކު ފޯމް ހުށަހަޅުއްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލުމަށް ފޯމް ހުށަހެޅުމުގެ ވަގުތު ހަމަވިއިރު އިންތިހާބުގައި ވާދަ ކުރުމަށް ޓަކައި މުޅި ޖުމްލަ 316 ކެންޑިޑޭޓުން ފޯމް ހުށަހަޅާފައިވޭ،" ޝަކީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން 85 ބޭފުޅަކު ފޯމް ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި ސަރުކާރު ހިންގާ ޕީޕީއެމްގެ ފަރާތުން 50 ބޭފުޅަކު ފޯމް ހުށަހަޅުއްވާފައިވާ އިރު ޖުމްހޫރީ ޕާޓީގެ ފަރާތުން 28 ބޭފުޅަކު އަދި އެމްޑީއޭގެ ފަރާތުން ހަތް ބޭފުޅަކު ފޯމް ހުށަހަޅާފައިވާ ކަމަށް ޝަކީލް ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ ފަރާތުން 13 ކެންޑިޑޭޓުން ވާދަ ކުރުމަށް ފޯމް ހުށަހަޅާފައިވާ ކަމަށް ޝަކީލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރާ ހުރިހާ ކެންޑިޑޭޓުންގެ ކެންޑިޑެސީ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައޮ ކަށަވަރު ކުރުމަށް ފަހު ކެންޑިޑޭޓުންނަށް އަންގަވާނެ ކަމަށެވެ.
ޝަކީމް އިތުރަށް ވިދާޅުވީ އަންނަ މަހު 22 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ގުރު ނެގުން އޮންނަނީ އަންނަ ބުރާސްފަތި އަދި ހޮނިހިރު ދުވަހު ކަމަށެވެ.