11 Feb 2014, 16:23
ދައުލަތުގެ ފަރާތުން ޖިނާއީ ދައުވާއެއް އުފުލުމަށްފަހު، އެ ދައުވާ އަލުން މުރާޖާ ކުރުމަށް ނޫންގޮތަކަށް އަނބުރާ ގެންގޮސްފިނަމަ ދެވަނަ ފަހަރަށް އެ މައްސަލައިގައި ދައުވާ ނުކުރެވޭނެ ކަމަށް ހައިކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ހައިކޯޓުން އެގޮތަށް ކަނޑައަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު އެ ކޯޓަށް ހުށަހެޅި "ކްރިމިނަލް ކޯޓުގެ އިޖުރާއީ ނިންމުން" އިސްތިއުނާފު ކުރުމުގެ މައްސަލަ ބެލުމަށްފަހު އެވެ.
އަލީ ވަހީދާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފްގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ދައުވާ އުފުލުމަށްފަހު ޕީޖީ އޮފީހުން ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ. އަނބުރާ ގެންދިޔުމަށްފަހު އޭގެފަހުން ދެވަނަ ފަހަރަށް ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅާފަ އެވެ.
ޕީޖީ އޮފީހުން ބުނީ އެ މައްސަލަ އަނބުރާ ގެންދިޔައީ ސިވިލްސާވިސް ކޮމިޝަންގެ ތެރެއަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައެއް ތަހުގީގު ކުރުމަށް ފުލުހުންނަށް އެންގުމުން އެ މައްސަލަ ތަހުގީގުކޮށްފައިނުވާތީ ކަމަށެވެ. އަދި ފަހުން އެ މައްސަލަ ދެވަނަ ފަހަރަށް ކޯޓަށް ހުށަހެޅީ ސިވިލް ސާވިސް ކޮމިޝަންގެ ތެރެއަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލަ ތަހުގީގުކޮށް އެ އޮފީހަށް ފޮނުވާފައިވާތީ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގައި އަލީ ވަހީދުގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވަނީ، ދައުވާ އަނބުރާ ގެންދިޔުމަށްފަހު ދެވަނަ ފަހަރަށް ދައުވާ ކުރުމަކީ ޕީޖީ އަށް ލިބިގެންވާ ބާރެއް ނޫންކަމަށް ވިދާޅުވެ އިޖުރާއީ ނުކުތާއެއް ނަންގަވާފަ އެވެ.
އެ އިޖުރާއީ ނުކުތާއާ ގުޅިގެން ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ ޕީޖީ އޮފީހުން އެ މައްސަލަ ކުރިން އަނބުރާ ގެންދިޔައީ ދައުވާ ނުކޮށް ދޫކޮށްލުމަށް ކަމަށް އަލީ ވަހީދަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ އަކީ ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.
ކްރިމިނަލް ކޯޓުގެ އިޖުރާއީ ނިންމުން އަލީ ވަހީދު އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގާނޫނީ ނަސްއުތަކަށާއި ދައުވާ ކޯޓަށް ހުށަހެޅުމަށްފަހު އަނބުރާ ގެންދެވޭ ގޮތްތަކަށް ބަލާއިރު ތިން ހާލަތެއް ފާހަގަކުރެވޭ ކަމަށެވެ.
އޭގެތެރެއިން ފުރަތަމަ ގޮތަކީ ކޯޓަށް ހުށަހެޅިފައި ވަނިކޮށް އަލުން މުރާޖާކުރުމަށް އަނބުރާ ގެންދިޔުން ކަމަށާއި ދެވަނަ ގޮތަކީ އެއްވެސް ސަބަބެއް ބަޔާންނުކޮށް މުތުލަގުގޮތެއްގައި ދައުވާ އަނބުރާ ގެންދިޔުން ކަމަށް އެ ހުކުމްގައި ވަނީ ބުނެފަ އެވެ. އަދި ތިން ވަނަ ގޮތަކީ ސަރީހަ އިބާރާތުން އެ ދައުވާ ދޫކޮށްލީ ކަމަށް ބަޔާންކޮށް ދައުވާ އަނބުރާ ގެންދިޔުން ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.
އެ ހުކުމްގައި ބުނެފައި ވަނީ މުރާޖާ ކުރުމަށް އަނބުރާ ގެންދާ މައްސަލަތަކީ މުރާޖާ ކުރުމަށްފަހު އަނބުރާ ކޯޓަށް ހުށަހެޅިދާނެ މައްސަލަތަކެއް ކަމަށާއި ނަމަވެސް ދައުވާ ދޫކޮށްލީ ކަމަށް ބަޔާންކޮށް އަނބުރާ ގެންގޮސްފިނަމަ އެއީ އެ މައްސަލައެއްގައި ދައުވާނުކޮށް އަނބުރާ ގެންދިޔުން ކަމުގައި ބެލެވޭނެ ކަމަށެވެ.
އަލީ ވަހީދާއި މަހުލޫފްގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ 2010 ވަނަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުގެ ރޭ ގެ ވަގުތެއްގައި އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އުޅުއްވި ގެކޮޅު، މުލީއާގޭ ސަރަހައްދު ފުލުހުން ބަންދުކޮށްފައި ވަނިކޮށް، އެސަރަހައްދަށް އެއްވެ ކުރި މުޒާހަރާގައި މަހްލޫފާއި އަލީ ވަހީދު އިސްކޮށް ތިއްބަވައިގެން އިތުރު ބަޔަކާއި އެކު އެ ސަރަހައްދުގައި ހުރި ރޯޑް ބްލޮކްތައް އެއް ފަރާތްކޮށްފައިވާ ކަމަށް ތުހުމަތުކޮށެވެ.
ހައިކޯޓުން މިއަދު އެގޮތަށް ހުކުމްކުރުމާ ގުޅިގެން އެ މައްސަލައާ ގުޅިގެން އަލީ ވަހީދާއި މަހުލޫފްގެ މައްޗަށް ދެން ދައުވާ ނުކުރެވޭނެ އެވެ.