ބާސެލޯނާގެ ބްރެޒިލް ތަރި ނޭމާ އަށް ކުރިމަތިވި އަނިޔާއިން ސަލާމަތްވެ އެކްލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.

އުމުރުން 22 އަހަރުގެ ނޭމާގެ ކަކުލަށް އަނިޔާވީ މިދިޔަ މަހު ކޮޕާ ޑެލްރޭ ގައި ގެޓާފޭ އާއި ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެމެޗުން ބާސާ މޮޅުވީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ. ނޭމާ ފަރިތަކުރުންތަކުގައި ބައިވެރިވާން ފެށިގެން އެ ކްލަބުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

"ނޭމާ މިހާރު ދަނީ ކްލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުން. މިއަދު ހެނދުނު އޮތް ފަރިތަކުރުންތަކުގައި ބައިވެރިވެ ނޭމާ އަށް ލިބުނު އަނިޔާއިން ފުރިހަމަ އަށް ފިޓްވުމަށް އޭނާ ދަނީ މަސައްކަތް ކުރަމުން،" ބާސާގެ އޮފިޝަލް ވެބްސައިޓްގައިވާ ބަޔާނެއްގައި ވެ އެވެ.

މިސީޒަނުގައި ބްރެޒިލްގެ ސަންތޯސް އިން ބާސާ އާއި ގުޅުނު ނޭމާ ވަނީ ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ބާސާ އަށް ކުޅުނު ސޯޅަ މެޗުން ހަ ގޯލް ކާމިޔާބުކޮށްފަ އެވެ.

ބާސާ އިން މިހާރު ތައްޔާރުވަމުންދަނީ ކޮޕާ ޑެލްރޭގެ ދެވަނަ ލެގުގައި ރެއާލް ސޮސިއެދާދް އާއި ދެކޮޅަށް މާދަމާ ކުޅުމަށް ހަމަޖެހިފައިވާ މެޗަށެވެ. ޗެމްޕިއަންސް ލީގުގައި އަންނަ ހަފްތާ މެންޗެސްޓާ ސިޓީއާއި ދެކޮޅަށް ކުޅޭ ވާދަވެރި މެޗުގެ ކުރިން ސްޕެނިޝް ލަލީގާގައި އަންނަ ހޮނިހިރު ދުވަހު ރަޔޯ ވަޔެކާނޯ އާއި ދެކޮޅަށް ވެސް ނުކުންނަން ޖެހޭނެ އެވެ.