ސްޕެނިޝް ކޮޕާ ޑެލްރޭގެ ދެވަނަ ލެގުގައި މިރޭ ރެއާލް މެޑްރިޑާއި ދެކޮޅަށް އެތްލެޓިކޯ މެޑްރިޑް ނުކުންނައިރު، އެތްލެޓިކޯ އަށް ރެއާލް ނުރައްކަލުގެ ތެރެއަށް ވައްޓާލެވިދާނެ ކަމަށް ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ކޮޕާ ޑެލްރޭގެ ފުރަތަމަ ލެގުގައި ރެއާލްގެ ދަނޑުގައި މި ދެ ޓީމް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 3-0 ލަނޑުން ރެއާލް ކުރީގައި އޮވެގެންނެވެ. ނަމަވެސް ތިން ގޯލްގެ ފައިދާއާ އެކު މިރޭ އެތްލެޓިކޯގެ ދަނޑަށް ނުކުންނައިރު، ރެއާލް އަށް އުނދަގޫތަކަކާއި ކުރިމަތިވާނެ ކަމަށް ކޯޗް އަންޗެލޮޓީ ބުނެފައިވެ އެވެ.

"އަހަރެމެންނަށް ބޮޑު ފައިދާއެއް އޮތްނަމަވެސް ފުރަތަމަ ލެގުގައި ބެހެއްޓި ސަމާލުކަން މިރޭގެ މެޗުގައި ވެސް ބަހައްޓަން ޖެހޭނެ." ރެއާލްގެ ކޯޗް އަންޗެލޮޓީ ބުންޏެވެ. "އެތްލެޓިކޯ އަށް އަހަރެމެން ނުރައްކަލުގެ ތެރެއަށް ވައްޓާލެވިދާނެ. ނަމަވެސް މިރޭގެ މެޗުގައި އެއްވެސް ޕްލޭނެއް ތަފާތެއް ނުކުރާނަން. އަހަރެމެންނަށް ފުރަތަމަ ލެގުން ލިބުނު ކާމިޔާބާއި މެދު ވިސްނައިގެން ނުވާނެ."

ސިޓީތަކުގެ ދެޓީމްގެ މެދުގައި ކުޅެވޭ މެޗުތަކަކީ އާދައިގެ މެޗުތަކަށް ވުރެ ފޯރިގަދަ މެޗުތަކެއް ކަމުގައި އަންޗެލޮޓީ ފާހަގަކޮށްފައިވެ އެވެ. "އާންމު ގޮތެއްގައި ކުޅެވޭ މެޗުތަކަށް ވުރެ، ސިޓީތަކުގެ ދެޓީމްގެ މެދުގައި ކުޅޭ މެޗިތަކަކީ ވާދަވެރި މެޗުތަކެއް. ދެން އަހަރެމެން ވިސްނަންވީ މިރޭގެ މެޗާއި މެޗު. އަހަރެމެން ޖެހޭނެ ޑިފެންސަށް އަދި އެޓޭކަށް ވެސް ވިސްނަން." އަންޗެލޮޓީ ބުންޏެވެ.

އެތްލެޓިކޯ އާއި ރެއާލް ކުޅޭ ވާދަވެރި މެޗު ފެށޭނީ މިރޭ ރާއްޖޭ ގަޑިން 1:00 ގަ އެވެ.