11 Feb 2014, 15:35
ނަޕޯލީގެ ކުރީގެ ތަރި އެޑިންސަން ކަވާނީ އަށް ވުރެ އެކްލަބުގެ މިހާރުގެ ތަރި ގޮންޒާލޯ ހިގައިން ހުރިހާ ގޮތަކުން މޮޅު ކަމުގައި އާޖެންޓީނާގެ ކުރީގެ ފުޓްބޯޅަ ތަރި ގެބްރިއަލް ބަޓިސްޓޫޓާ ބުނެފި އެވެ.
މިސީޒަނުގައި ނަޕޯލީ ދޫކޮށް އުރުގުއޭ ފޯވާޑް ކަވާނީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ) އާއި ގުޅުމުން ނަޕޯލީ އިން ވަނީ ރެއާލް މެޑްރިޑުން އާޖެންޓީނާ ފޯވާޑް ގޮންޒާލޯ ހިގައިން ގެނެސްފަ އެވެ. މިސީޒަނުގައި ނަޕޯލީ އާއި ގުޅުނު އުމުރުން 26 އަހަރުގެ ހަގައިން ވަނީ އިޓާލިއަން ސެރީއާގައި ބާރަ ލަނޑު ކާމިޔާބުކޮށްފަ އެވެ.
"ނަޕޯލީ އަށް ކަވާނީ ކޮށްދިން ކަންތައް ހަނދާނުން ފުހެލުމަކީ ފަސޭހަ ކަމަކަށް ނުވާނެ. ނަމަވެސް އެކްލަބުގައި ހިގައިން ދަނީ ކާމިޔާބު ހޯދަމުން." ކުރިން ފިއޮރެންޓީނާ، ރޯމާ އަދި އިންޓަ މިލާނަށް ކުޅުނު ފޯވާޑް ބަޓިސްޓޫޓާ ބުންޏެވެ.
ހިގައިން ފާހަގަވަނީ ހުރިހާ ގޮތަކުން ފުރިހަމަ ކުޅުންތެރިއެއް ކަމަށް ބަޓިސްޓޫޓާ ގަބޫލުކުރެ އެވެ. "ހިގައިން ދަނީ ގޯލް ޖެހުމުގެ އިތުރުން އެހެން ކުޅުންތެރިންނަށް އެހީތެރިވެ މިޑްފީލްޑްގައި ވެސް ހަރަކާތްތެރިވަމުން. އޭނާ އަށް ގިނަ ގޯލްތަކެއް ނުޖެހުނު ކަމުގައި ވިޔަސް، ހިގައިން އަކީ ކަވާނީ އަށްވުރެ ހުރިހާ ގޮތަކުން މޮޅު ކުޅުންތެރިއެއް." ބަޓިސްޓޫޓާ ބުންޏެވެ.
ބަޓިސްޓޫޓާ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. އެގޮތުން އޭނާ އިޓަލީ ލީގުގައި ކުޅެ 200 އަށްވުރެ ގިނަ ލަނޑު ކާމިޔާބުކޮށްފައިވެ އެވެ.