އިސްލާމިކް މިނިސްޓްރީން މިހާރުގެ އަމާޒަކީ އެމިނިސްޓްރީ މުއްސަނދި ކުރުން ކަމަށް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ މި އަހަރުގެ ސިޔާސަތުތަކާއި ޕްރޮގްރާމްތައް ހިމެނޭ އަތްމަތީ ފޮތް އިފްތިތާހު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި މިސްކިތު ފަންޑާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

"... އަޅުގަނޑުމެންގެ މިފަހަރުގެ އަމާޒަކީ މިވުޒާރާ މުއްސަނދިކުރުމަށްޓަކައި މަސައްކަތްކުރުން. މިވުޒާރާއަކީ ވުޒާރާގެ އަމިއްލަ ފައިމައްޗަށް ތެދުވެގެން ހިނގައިގަނެވޭ ތަނަކަށް މިތަން ހެދުން،" މިނިސްޓަރު ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން ގާއިމްކޮށްފައިވާ ޓްރަސްޓް ފަންޑަށް އާމްދަނީ ލިބިލިބި ހުންނާނެ ގޮތެއް ހެދުމަށް ޓަކައި މާލެ އިން ބިމެއް ގަނެ، 10 ބުރީގެ އިމާރާތެއް ބިނާކުރަން ނިންމީ އެހެންވެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެފަދަ އިމާރާތެއް ބިނާކުރުމަށް ބޭނުންވާ 22 މިލިޔަން ރުފިޔާގެ ތެރެއިން 10 މިލިޔަނަށް ވުރެ ގިނަ ރުފިޔާ މިހާރު ވެސް އެބަހުރި ކަމަށާއި އެހެންވީމާ މިއަހަރު އެމަސައްކަތް ފެށޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"... މިއަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމެނިފައި އެބައޮތް ހަމިލިޔަން ރުފިޔާ. ދެން ކުރިން ޖަމާވެފައި ހުރި ފަންޑުގެ ތެރެއިން ބިލްޑިންގަށް ހާއްސަކޮށް ބަހައްޓާފައި އެބަ ހުރި ތިންހަތަރު މިލިޔަނެއް ރުފިޔާ. އެހެންވީމާ މާނައަކީ 10 މިލިޔަނަށް ވުރެ އިތުރަށް މިހާރު އަޅުގަނޑުމެން އަތުގައި ހުންނާނޭ، ބިލްޑިންގްގެ މަސައްކަތް ފެށޭވަރަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އަދި ވިދާޅުވީ މިއަހަރުގެ ތެރޭގައި މަސައްކަތް ފެށޭނެ ކަމަށެވެ.

މިސްކިތްތަކަށް އެހީވާ ފަންޑަށް ފައިސާ ހޯދުމަށް ބިނާކުރުމަށް ހަމަޖެހިފައި ވަނީ "ދާރުލް އީމާން "ގެ ނަން ދީފައިވާ 10 ބުރީގެ އޮފީސް އިމާރާތެކެވެ. އެއިމާރާތް ބިނާކޮށް، އެތަން ކުއްޔަށް ދޫކޮށްގެން ލިބޭ ފައިސާ ޖަމާކުރާނީ ފަންޑަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން މި އަހަރު ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ގިނަ އާކަންތައްތަކެއް ހިމެނެ އެވެ.