ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރެއްވުމަށް އެ ދާއިރާގެ މިހާރުގެ މެމްބަރު އަލްހާން ފަހުމީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އަލްހާންގެ ކޮއްކޮ، ޝަޒުބާން ފަހުމީ މިއަދު ވިދާޅުވީ އާއިލާގެ ފަރާތުން މިއަދު އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އަމިއްލަ ގޮތުން ވާދަކުރެއްވުމަށް އަލްހާން ނިންމެވީ އެމްޑީޕީ ޕްރައިމަރީގެ ނަތީޖާ އަކީ ސައްޚަ ނަތީޖާއަކަށް ނުވާތީ ކަމަށެވެ.

"ޕްރައިމަރީގައި ބޭނުންކުރި ލިސްޓަކީ ބާތިލު ލިސްޓެއް ކަމަށް އެމްޑީޕީގެ އިލެކްޝަންސް ކޮމެޓީން ވެސް ވަނީ އެއްބަސްވެފައި. ބާތިލު ލިސްޓަކަށްލާ ކޮންމެ ވޯޓަކީ ބާތިލު ވޯޓެއް،" ޝަޒުބާން ވިދާޅުވި އެވެ.

އަލްހާންގެ ކެމްޕޭން ހަރަކާތްތައް ފޭދު އާއި މާލޭގައި ފަށާފައިވާ ކަމަށާއި އެގޮތުން އަންނަ ހަފްތާގެ ތެރޭގައި ކެމްޕޭން އޮފީހެއް ހުޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލްހާނަށް ދިން ހަމަލާއާ ގުޅޭ ގޮތުން ޝަޒުބާން ވިދާޅުވީ އެއީ ސިޔާސީ މަގުސަދެއްގައި ބަޔަކު ދީފައިވާ ހަމަލާއެއް ކަމަށެވެ.

އެ ހަމަލާގެ ސަބަބުން ލިބުނު އަނިޔާތަކަށް އަލްހާން އަންނަނީ ސްރީލަންކާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުންނެވެ.

އިއްޔެގެ ވަގުތެއްގައި އައިސީޔޫ އިން އަލްހާން ރޫމަށް ބަދަލުކޮށްފައިވާ ކަމަށާއި މިހާރު ކޮންވެސް ވަރަކަށް ފައި ހަރަކާތްކުރެވޭ ކަމަށް ޝަޒުބާން ވިދާޅުވި އެވެ.