11 Feb 2014, 14:58
ވިލިމާލޭގެ ހުޅަނގު ދެކުނު ކަންމައްޗަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނުތާ ފަސް ދުވަސް ފަހުން ފެނުނު ދިވެހި މީހާ މަރުވެފައި އޮށްވައި ފެނުނުތާ ފަސް ދުވަސް މިހާތަނަށް ވެފައިވާ އިރު އަދިވެސް އޭނާ ކަނޑު އަޑިން ނުނެގޭ ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.
ތިން މީހުންނާ އެކު ޑައިވިނަށް ގޮސް އުޅެނިކޮށް، މާފުށީ އައްސޭރިގޭ މުހައްމަދު ޖަމީލް، 41، ގެއްލުނީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
އެމްއެންޑީއެފްގެ ސުޕޯކްޕާސަން ހުސެއިން އަލީ މިއަދު ސަން އަށް ވިދާޅުވީ އޭނާ ނެގުމުގެ މަސައްކަތް ބޭރުގެ ފަރާތްތަކާ މަޝްވަރާކޮށްގެން ކުރަމުންދާ ކަމަށެވެ.
އޭނާ ކަނޑު އަޑީގެ އެހާ ފުނުގައި އޮތްއިރު ވެސް އޭނާ އޮތީ ލޮކޭޓް ކުރެވިފައިތޯ ސަން އިން ސުވާލުކުރުމުން ހުސެއިން ވިދާޅުވީ "އޭނާ ފެންނަން އެބައޮތް" ކަމަށެވެ. އިތުރު އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ.
މުހައްމަދު ޖަމީލް، 41، ހޯދުމުގެ މަސައްކަތް ކޯސްޓް ގާޑުން ކުރަމުން ދަނިކޮށް އޭނާ ފެނުނީ 328 ފޫޓު އަޑިން ނެވެ.
އެމީހާ ފެނުނީ ވިލިނގިއްޔާ ކިހާ ހިސާބަކުން ކަމެއް އެމްއެންޑީއެފަކުން ނުބުނެ އެވެ.
ޖަމީލް ގެއްލިފައި ވަނީ ތިން މީހުންނާ އެކު ޑައިވިނަން ގޮސް އުޅުމުގެ ތެރެއިންނެވެ. އޭނާ ނޫން އެހެން މީހުން ވަނީ ސަލާމަތުން އެއްގަމަށް އަރައިފަ އެވެ.