11 Feb 2014, 12:55
ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލައިގައި މީގެ ދެ އަހަރު ކުރިން ހައްޔަރު ކުރި ރ. މަޑުއްވަރީ، މުސްތަރީގޭ، ހުސެއިން ސޮބާހުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.
ސޮބާހު ކުށްވެރިވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ހުކުމް ކުރި ފަހުން މިދިޔަ މަހު އޭނާގެ ކުށެއް ނެތް ކަމަށް ހައި ކޯޓުން ކަނޑައެޅީ 2.5 ކިލޯގެ މަސްތުވާތަކެތި ފެނުނު އޮފީހަށް ފުލުހުން ވަދެފައި ވަނީ ކޯޓު އަމުރަކާ ނުލައި ކަމަށް ކަނޑައަޅައި ގާނޫނު ހިލާފަށް ހެކި ހޯދި ކަމަށް ބަލައިފަ އެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް، އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ ހުސައިން ނާޝިދު ވިދާޅުވީ ސޮބާހުގެ މައްސަލަ އިސްތިއުނާފް ކުރަން ނިންމާފައިވާ ކަމަށާއި ނަމަވެސް އަދި އެ މައްސަލަ ކޯޓަށް ވައްދާފައިނުވާނެ ކަމަށެވެ.
"އެ މައްސަލަ އިސްތިއުނާފް ކުރުމަށް މި އޮފީހުން ވަނީ ނިންމައިފަ. އެކަމަކު އެ މަސައްކަތް ކުރަމުންދަނީ އެކަމަކު އަދި ކޯޓަކަށް ހުށަނާޅާ،" ނާޝިދު ވިދާޅުވި އެވެ.
ހައި ކޯޓުގައި އެ މައްސަލައިގައި ބޭއްވި އަޑުއެހުމުގައި ސޮބާހުގެ ފަރާތުން ބުނެފައި ވަނީ އޭނާ ހައްޔަރު ކޮށްފައި ވަނީ މަގުމަތިން ކަމަށާއި މަސްތުވާތަކެތި ފެނިފައި ވަނީ މާ ދުރުގައި ހުރި އޮފީހަކުން ކަމަށާއި އެ އޮފީހަށް ފުލުހުން ވަދެފައި ވަނީ ކޯޓު އަމުރެއް ވެސް ނުލައި ކަމަށެވެ.
ދައުލަތުގެ ފަރާތުން އެ ޝަރީއަތުގައި ބުނެފައި ވަނީ އެ އޮފީހަކީ މީހުން ދިރިއުޅޭ ތަނެއް ނޫން ކަމަށާއި ކޯޓު އަމުރެއް ބޭނުންވާނީ މީހަކު ދިރިއުޅޭ ތަނެއް ބަލައި ފާސް ކުރުމަށް ކަމަށެވެ.