11 Feb 2014, 12:12
އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އަންނަ ހަފުތާގައި ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
"ސަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އެ ކޮމިޝަންގެ ބިއުރޯ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޝަކީލް ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަންތަނުގައި ވޯޓްލާން ބޭނުންވާ މީހުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާނީ މި މަހު 18 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
"އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓްލާން ބޭނުން ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މި މަހުގެ 18 ވަނަ ދުވަހު އަޅުގަނޑުމެން ހުޅުވާލާނަން. އަދި އެ ފުރުސަތު މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައި އޮންނާނެ،" ޝަކީލް ވިދާޅުވި އެވެ.
ޝަކީލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓްލާން ބޭނުންވާ ހުރިހާ ފަރާތްތަކުން ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނެއްގައި ވޯޓްލާން ބޭނުންވާ ހުރިހާ ފަރާތްތަކެއް ވެސް ރަޖިސްޓްރީ ކުރަން ޖެހޭނެ. ރިޔާސީ އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓް ލުމަށް ޓަކައި އަޅުގަނޑުމެން ކުރިއަށް ގެންދިޔަ ރަޖިސްޓްރޭޝަން މަޖިލިސް އިންތިހާބުގައި ނުބަލާނަން. އަޅުގަނޑުމެން ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ކުރިއަށް ގެންދާނީ މުޅިން އާ ރަޖިސްޓްރޭޝަންއެއް. ރަޖިސްޓްރޭޝަން އަޅުގަނޑުމެން ފަށާނީ ޒީރޯ އިން،" ޝަކީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 240،009 މީހުންނަށް ލިބޭ ކަމަށެވެ.