11 Feb 2014, 12:06
ޝަރީއަތުގެ ބޭރުން ފަނޑިޔާރަށް ލިބިފައިވާ މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ޝަރީއަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި ގޮތެއް ކަނޑައެޅުމަކީ ހުއްދަވެގެންވާ ކަމެއް ނޫންކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.
ލ. ގަމު މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމެއް ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށްފަހު ކުރި ހުކުމުގަ އެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައި ވަނީ ފަނޑިޔާރުން އަމަލުކުރާނީ ގާނޫނުއަސާސީއަށާއި ގާނޫނަށް ކަމަށެވެ.
އިސްލާމީ ޝަރީއަތުގައި ގާއިމުވެފައިވާ ޝަރީއަތް ކުރުމުގެ އުސޫލުތަކަށް ބަލާއިރު، ގިނަ ފިގުހު އިލްމުވެރިންގެ ރައުޔުގައި މިކަމުގައި އެންމެ ރާޖިޙް ރައުޔަކީ، ޝަރީއަތަށް ހުށަހެޅިފައިވާ މައްސަލައެއް ބަލާ ފަނޑިޔާރަކަށް ޝަރީއަތްކުރާ މަޖިލީހުގެ ބޭރުން އެމައްސަލައަކާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ހުކުމްކުރުން ހުއްދަވެގެން ނުވާނެކަމުގައި ކަމަށް ހައިކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.
އެހެންކަމުން ޝަރީއަތަށް ހުށަހެޅޭ ކޮންމެ މައްސަލައެއްވެސް ބަލާ ހުކުމް ކުރަންވާނީ އެމައްސަލައަކާ ގުޅިގެން ޝަރީއަތަށް ހުށަހެޅޭ، ގާނޫނު ހުއްދަކުރާ ހެކިތަކާއި ގަރީނާތަކުގެ މައްޗަށް ބިނާކޮށްކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފަ އެވެ. އެއާ ޚިލާފަށް، އެމައްސަލައެއްގެ ޝަރީއަތުގެ ބޭރުން، ފަނޑިޔާރަކަށް މައްސަލައަކާމެދު ފުރިހަމަ މައުލޫމާތެއް ޔަގީންކޮށް ލިބިފައިވާނަމަ އެމައުލޫމާތެއް އެމައްސަލާގައި ދެއްވޭނީ ހެއްކެއްގެ ހައިސިއްޔަތުންކަމާއި، އެގޮތަށް ފަނޑިޔާރަކު ހެކިބަސް ދޭންޖެހޭ މައްސަލައެއް އެފަނޑިޔާރަކަށް ނުބެއްލެވޭނެކަމަށް ވެސް ހައިކޯޓުން ވަނީ ކަނޑައަޅާފަ އެވެ.