ފަހު ވަގުތު ކާމިޔާބުކުރި ގޯލާއެކު 0-1 އިން މަހިބަދޫ ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރި ހޯދާ އޭދަފުށި ޒުވާނުންގެ ކްލަބް އެލް މޮބައިލް ޔޫތް ޗެމްޕިއަންޝިޕްގެ ސެމީފައިނަލަށް ދަތުރުކޮށްފި އެވެ.

އެފްއޭއެމްގެ އެއް ނަންބަރު ޓާފް ދަނޑުގައި ރޭ ކުޅުނު މެޗުގެ ހަމައެކަނި ގޯލް މެޗުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށް ދިނީ އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އޭދަފުށި ޓީމްގެ އާދަމް ސިމާން އެވެ.

ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ 78 ވަނަ މިނެޓްގައި މަހިބަދޫ ޓީމްގެ ކެޕްޓަން ގާސިމް ސަމާމް އޭދަފުށި ޓީމުގެ ޑިފެންޑަރަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ އޭނާއަށް ރަތްކާޑުދައްކާ ދަނޑުން ފޮނުވާލާފަ އެވެ. މިމެޗުގައި ސަމާމް ކުޅެން ނިކުތީ ވެސް ދެ ވަނަ ހާފުގަ އެވެ.

އޭދަފުށި ޓީމާ ދެކޮޅަށް ސެމީގައި ބައްދަލުކުރަން ޖެހޭ ޓީމެއް ކަށަވަރު ވާނީ މި ރޭ 9:00ގައި ކުޅޭ ކުއާޓާފައިނަލްގެ ފަހު މެޗުގައި މާޒިޔާއާއި ވައިކަރަދޫ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.

މުބާރާތުގެ ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އީގަލްސް އާއި ކެލާ ނާޅި ސްޕޯޓްސް ކްލަބް އެވެ. މިމެޗް ކުޅޭނީ އަންނަ އާދިއްތަ ދުވަހު ހަވީރު 4:10 ގަ އެވެ.