11 Feb 2014, 11:14
އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގައި ލިބެނީ ފިނި ތަރުހީބެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް ގެޒެޓްކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުލުވާލާފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.
"ސަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އެ ކޮމިޝަންގެ ބިއުރޯގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޝަކީލް ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް މިހާތަނަށް ހުށަހަޅާފައި ވަނީ އެންމެ ހަ ޝަކުވާ ކަމަށެވެ. އަދި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގައި ލިބޭ ތަރުހީބު ވަރަށް ކުޑަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުންދާ ގޮތަށް ބަލާ އިރު އަޅުގަނޑުމެންނަށް ލިބެމުން މިދަނީ ވަރަށް ފިނި ތަރުހީބެއް. އެގޮތުން މިހާތަނަށް ވޯޓާސް ލިސްޓަށް ހުށަހަޅާފައި ވަނީ އެންމެ ހަ ޝަކުވާ،" ޝަކީލް ވިދާޅުވި އެވެ.
ޝަކީލް ވިދާޅުވީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދީފައިވާ ފުރުސަތަކީ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުގައި ނަން އޮތްތޯ ބަލައި އަދި ނަން އޮތީ ރަނގަޅު އެޑްރެހުގައިތޯ ބަލައި ނަމުގައި މައްސަލައެއް ހުރިތޯ ބެލުމަށްދޭ ފުރުސަތެއް ކަމަށެވެ.
އޭނާ ވިދާޅުވީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ދީފައިވާ މުއްދަތު ހަމަވުމުގެ ފަހުން ލިސްޓަށް ޝަކުވާ ހުށަހަޅައިފި ނަމަ އެ ޝަކުވާއެއް ބަލައި ނުގަނެވޭނެ ކަމަށެވެ. އަދި މިހާރު ގެޒްޓްކޮށްފައިވާ ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް އެއްވެސް އުނި އިތުރެއް ގެނެވޭނީ ޝަކުވާ ހުށަހެޅުމަށް ދީފައިވާ މުއްދަތުގައި ޝަކުވާ ހުށަހެޅުމުން ކަމަށް ވެސް ޝަކީލް ވިދާޅުވި އެވެ.
"ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް އެއްވެސް އުނި އިތުރެއް ގެނެވޭނީ ޝަކުވާ ހުށަހަޅަން ކޮމިޝަން ދީފައިވާ މުއްދަތުގައި ޝަކުވާ ހުށަހެޅުމުން. ސަބަކީ ލިސްޓުގައި ނަން ނެތް ނަމަ އެކަން އަޅުގަނޑުމެން ޑީއެންއާރަށް ހުށަހަޅަން. އަދި އެކަން އިސްލާހު ކުރާނަން. އަޅުގަނޑުމެންނަށް ލިސްޓަށް އެއްވެސް އުނި އިތުރެއް ނުގެނެވޭނެ. ޢެހެން ކަމުން ލިސްޓުގައި ނަން އޮތްތޯ ބަލައި ނަން ނެތް ނަމަ އަވަހަށް ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެން އިއުތިމާސް ކުރަން." ޝަކީލް ވިދާޅުވި އެވެ.
ޝަކީލް ވިދާޅުވީ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވުމުން ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލަން ޖެހޭ ކަމަށެވެ.