11 Feb 2014, 10:47
ރޭޒަރުން ޝޭވް ކުރުމުން ބިހި ނެގުމަކީ އާންމު ކަމެކެވެ. އަދި ގިނަފަހަރު މި ބިހި ހުންނަނީ ރަތް ކުލައިގައެވެ. މިގޮތަށް ބިހި ނެގުމުން ޝޭވް ކުރުމަށްފަހު ހަމުގަ ހުންނަން ބޭނުންވާ އޮމާންކަމާއި އޮފްކަން ނެތިދެއެވެ. މިއީ ޝޭވް ކުރާ ގިނަ އަންހެން ކުދިންނަށް ދިމާވާ ކަމެކެވެ. އަދި މިއީ ވެކްސް ކުރުން އިހްތިޔާރު ކުރާ އެއް ސަބަބު ކަމުގައިވެސް ވެއެވެ. ނަމަވެސް ގިނަ ފަހަރު ޕާޓީ އަކަށް ނުވަތަ އަވަހަށް ތާކަށް ދާން ތައްޔާރުވާއިރު ވެކްސް ކުރަން ސެލޫން ނުވަތަ ގޭގައި ވެކްސް ކުރުމަށް ވުރެ ވެސް ފަސޭހަ އަދި އަވަސް ގޮތަކީ ޝޭވް ކޮށްލުން ކަމަށް ވުމާއެކު ޝޭވް ކޮށް ނިމުމުން ނަގާ ބިހިން ސަލާމަށް ވާން ކުރެވިދާނެ ބައެއް ކަންތައްތަކަށް މިފަހަރު އާޓިކަލްގަ ބަލާލާނަމެވެ.
• ފިނި ފެނުން ދޮވުން
ޝޭވް ކޮށް ނިމުމަށްފަހު އެންމެ ފުރަތަމަ ކަމަކަށް ފިނި ފެން (އައިސް ފެނުން) ދޮވެލާށެވެ. ޝޭވް ކުރި ހަމަށް ފިނިފެން އެޅުމުން ހުޅުވިފައިހުރި ޕޯރސް (ހަމުގަ ހުންނަ ވަޅުތައް) ބަންދުވެއެވެ. މި ޕޯރސް ތައް ބަންދުވުމުން ޝޭވް ކުރި ހަމުން ހޫނުވެގެން އުފެދޭ ބިހިތަކުން ވަރަށް ބޮޑަށް ރައްކާތެރިކޮށްދެއެވެ. އަދި ހެދުން ލައިގެން ހުންނައިރު އުފެދޭ ހޫނުކަމުންވެސް ދުރުކޮށްދެއެވެ.
• ރޭޒަރު ބޭނުން ކުރާއިރު ބަލައިގެން އުޅުން
ރޭޒަރު މާބަރަށް ހަމުގައި ނުޖައްސާށެވެ. އަދި ތިނެއް ނުވަތަ ހަތަރު ބްލޭޑް ހުންނަ ރޭޒަރު އިހްތިޔާރު ކުރުންވެސް މުހިއްމެވެ. އެއް ދިމާލެއްގައި ރޭޒަރު މާ ގިނަ ފަހަރު ޖެއްސުމަކީ ބިހިނެގުމަށް ހުޅުވޭ ފުރުސަތެކެވެ. އަދި ވަކިން ހާއްސަކޮށް ތިނެއް ނުވަތަ ހަތަރު ބްލޭޑް ގެ ރޭޒަރަކުން ދެތިން ފަހަރު އެއް ސަރަހައްދެއްގައި ރޭޒަރު ކުރުމަކީ އެ ސަރަހައްދު ހައެއް ނުވަތަ 12 ފަހަރު ރޭޒަރު ކުރުމާ އެއްވަރު ކަމެކެވެ. އެހެން ކަމުން އެއް ސަރަހައްދެއްގައި ވީހާވެސް މަދުން ރޭޒަރު ޖައްސައިގެން ޝޭވް ކުރެވޭތޯ ބަލަންވާނެއެވެ. ރޭޒަރު ވީހާވެސް މަދުން ހަމުގައި ޖެއްސުމަކީ އެންމެ ރަނގަޅު ގޮތެވެ.
• ގިނަދުވަސްވެފަ ނުވަތަ ބާވެފަ ހުރި ރޭޒަރެއް ބޭނުން ނުކުރުން
ބާވެފަ ނުވަތަ ގިނަ ދުވަސް ވެފަހުރި ރޭޒަރު އެއްގޮތަކަށް ވެސް ބޭނުން ނުކުރާށެވެ. ބްލޭޑް ކޮށިވުމަކީ ބިހިނެގުމަށް ހުޅުވޭ ފުރުސަތެކެވެ. އަދި މިއީ ހަމަށްވެސް ގެއްލުންވާނެ ކަމެކެވެ. ރޭޒަރުގައި ޝޭވިން ފޯމް ނުވަތަ ކުދި އިސްތަށިތައް ހުންނަކަމުގައި ވާނަމަ އަދި އިތުރު އެއްވެސް ގޮތަކަށް ތަފާތުކޮށް ފެންނަ ކަމަށްވާނަމަވެސް އާ ރޭޒަރެއް ހޯދާށެވެ. ނުވަތަ ބްލޭޑް ބަދަލު ކުރާށެވެ.
• ޝޭވް ކުރުމުގެ ކުރިން ދޮވުން
ހަންގަނޑާ އެންމެ ކައިރިން އިސްތަށިތައް ބުރިވަމުން ދާނީ ހަންގަނޑު ސާފުކޮށް ބަހައްޓައިގެން ޝޭވް ކުރުމުންނެވެ. އެންމެ ރަނގަޅު ގޮތަކީ ޝޭވް ކުރަން ފެށުމުގެ ކުރިން ޝޭވް ކުރާ ހަންގަނޑު މޮއިސްޗަރައިޒިން ބޮޑީ ވޮޝް އަކުން ދޮވެލާފައި އެއަށްފަހު ޝޭވް ކުރުމެވެ.
• ޝޭވް ކުރުމަށް ސައިބޯނި ބޭނުން ނުކުރުން
ޝޭވް ކުރުމަށް ޝޭވިން ޖެލް ނުވަތަ ޝޭވިން ފޯމެއް ހޯދާށެވެ. އެންމެ ރަނގަޅީ އަންހެނުންނަށް ހާއްސަކޮށް ހުންނަ ޝޭވިން ޖެލް ނުވަތަ ފޯމެއް ހޯދުމެވެ. އެއީ އޭގައި އިތުރަށް މޮއިސްޗަރައިޒިން ބައި ހިމެނޭނެތީއެވެ.
• އިސްތަށި އުފެދިފައި ހުރި ކޮޅަށް ޝޭވް ކުރުން
ވަރަށް ގިނަ މީހުނަށް ޝޭވް ކުރެވެނީ އިސްތަށި އުފެދިފައި ހުންނަ ކޮޅުނޫން އަނެއްކޮޅަށެވެ. އެއީ ހަމާވީހާވެސް ކައިރިން ޝޭވް ކުރުމުގެ ބޭނުމުގައެވެ. ނަމަވެސް މިގޮތަށް ޝޭވް ކުރުމަކީ ބިހިނެގުމަށް ދެވޭ ފުރުސަތެކެވެ. އެހެންކަމުން އިސްތަށި އުފެދިފައި ހުރި ކޮޅުބަލައި ޝޭވް ކުރާއިރު އެ ފަޅާފައިހުރި ކޮޅަކަށް ޝޭވް ކުރުމަކީ މުހިއްމެވެ.
• ޝޭވް ކުރަން ފެށުމުގެ ކުރިން ތާފަނާ ފެނުން ހޫނުކުރުން
ޝޭވް ކުރަން ބޭނުންވާ ހަންގަނޑު ތާފަނާ ފެނުން ދޮވުމުން އެދިމާލުގައި ހުންނަ އިސްތަށި މަޑުވެއެވެ. އޭރުން ރޭޒަރުން އިސްތަށިތައް ފަސޭހައިން ބުރިވެ އެވެ. އަދި ބިހިންވެސް ރައްކާތެރި ކުރެވޭނެއެވެ.