11 Feb 2014, 10:41
މިހާރު ކުރިއަށްދާ 17 ވަނަ ސަރުކާރު އޮފީސް އަދި ކުންފުނި ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޒަންގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި އިމިގްރޭޝަން ބައްދަލުކުރި މެޗުން އެމްއެންޑީއެފް ބަލިވެ މުބާރާތުން ކަޓައިފި އެވެ.
އިއްޔެ ހަވީރު 16:00ގައި އެކުވެނި އައުޓްޑޯ ބާސްކެޓް ކޯޓުގައި ކުޅެވުނު މިމެޗުން ސިފައިންގެ ޓީމު ބަލިވީ 76 ޕޮއިންޓް 27 ޕޮއިންޓުންނެވެ.
އިއްޔެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފައި ވަނީ އިމިގްރޭޝަންގެ ނަޝްފާ އާމިރާއަށެވެ.
މިމުބާރާތުގެ އަންހެން ޑިވިޒަންގެ މެޗެއް ދެން ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 8:30ގަ އެވެ. އެމެޗުގައި ބައްދަލުކުރާ ދެ ޓީމަކީ ކަސްޓަމްސް އާއި އިމްގްރޭޝަން އެވެ. މިމެޗަށް މި ދެ ޓީމް ނިކުންނާ އިރު މިދެ ޓީމް ވެސް ވަނީ ފައިނަލަށް ދަތުރުކޮށްފަ އެވެ. އަންހެން ޑިވިޒަންގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފުތާގެ އާދިއްތަ ދުވަހުގެ ހަވީރު 4:00 ގަ އެވެ.
މިމުބާރާތުގައި މިއަދު ހަވީރު 4:00 ގައި ބައްދަލުކުރާ ދެ ޓީމަކީ ފިރިހެން ޑިވިޒަންގެ އެމްޕީއެލް އާއި ޕޮލިސް އެވެ. އަދި ފިރިހެން ޑިވިޒަންގެ ދެ ވަނަ މެޗުގައި މިރޭ 8:30 ގައި ބައްދަލު ކުރާ ދެޓީމަކީ އެމްއޭސީއެލް އާއި ކަސްޓަމްސް އެވެ.
މުބާރާތުގެ ފިރިހެން ޑިވިޒަންގެ މެޗްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ދެ ގްރޫޕަކަށް ބަހާލައިގެން ނެވެ. އެގޮތުން ކޮންމެ ގްރޫޕަކުން ދެ ޓީމު ދެ ވަނަ ބުރަށް ދަތުރު ކުރާއިރު ފައިނަލަށް ދަތުރު ކުރާނީ ގަދަ ހަތަރު ޓީމު ނޮކްއައުޓް އުސޫލުން ކުޅެ އެންމެ މޮޅު ދެ ޓީމެވެ.