11 Feb 2014, 10:36
މި އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރާނީ 4.5 ޕަސެންޓް ކަމަށް އެމްއެމްއޭ އިން ލަފާކޮށްފި އެވެ.
މިދިޔަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 4.3 ޕަސެންޓް ކުރިއަރާނެ ކަމަށް ވެސް ވަނީ އެމްއެމްއޭ އިން ލަފާކޮށްފަ އެވެ. ނަމަވެސް އުފެއްދުންތެރިކަން ކުރިއަރާފައި ވަނީ 3.7 ޕަސެންޓް އެވެ.
އެމްއެމްއޭ އިން ނެރެފައިވާ "އިގްތިސާދީ ރިވިއު"ގައި، އެމްއެމްއޭގެ ޕްލޭނިންގް ޑިޕާޓްމެންޓާ އާ ހަވާލާދީ ބުނެފައި ވަނީ ރާއްޖޭގެ އުފެއްދުންތެރިކަން 4.5 ޕަސެންޓަށް ކުރިއަރާނެ ކަމަށް ލަފާކޮށްފައި ވަނީ ފަތުރުވެރިކަން ކުރިއަރާނެ ކަމަށް ބެލެވޭތީ ކަމަށެވެ.
ވަކިވަކި ދާއިރާތަކުން ކުރިއަނާނެ ކަމަށް ލަފާކުރެވޭ މިންވަރުގެ ތަފްސީލްތަކެއް އެރިވިއުގައި ހިމަނާފައިނުވެ އެވެ.
އެމްއެމްއޭ އިން ލަފާކުރާ ގޮތުގައި މިއަހަރު ސަރުކާރުގެ ޑެފިސިޓް އުފެއްދުންތެރިކަމަށް ބަލާ އިރު ހުންނާނީ 3.2 ޕަސެންޓްގަ ގަ އެވެ. އަދި ކަރަންޓް އެކައުންޓް ޑެފެސިޓް 562.5 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެ އެވެ.
އެރިވިއުގައި ބުނެފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު މިދިޔަ އަހަރު ރާއްޖެ އަށް އައި ފަތުރުވެރިންގެ އަދަދު 17 ޕަސެންޓްއަށް ބޮޑުވެފައިވާ އިރު މަސް އެކްސްޕޯޓްކުރި މިންވަރު 48 ޕަސެންޓް އިތުރުވެ އެއިގެން ލިބުނު އާމުދަނީ 14 ޕަސެންޓް އިތުރުވެފަ އެވެ.