11 Feb 2014, 10:01
އެޓެސްޓު ކުރުމަށް ބޮޑު ހޭދައެއް ކުރަންޖެހޭތީ ސިވިލް ސާވިސްގެ ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުން ސެޓްފިކެޓްތައް އެޓެސްޓު ކުރަން ނުޖެހޭ ގޮތަށް ސިވިލް ސާވިސްގެ ގަވާއިދު އާދިއްތަ ދުވަހު އިސްލާހުކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެޓެސްޓު ކުރުމަށް ބޮޑު ހޭދައެއް ދިއުމުގެ އިތުރުން އެކަންވެފައި އޮންނަނީ ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކަށް އޮތް ބޮޑު އުނދަގުލަކަށް ކަމަށެވެ.
"(ގަވާއިދު އިސްލާހު ކުރީ) އަސްލާ އެއްގޮތަށް ކަމަށް ތައްގަނޑު ޖަހާފައިވާ ލިޔުން ހުށަހަޅަން ޖެހޭ ގޮތަށް ގަވާއިދުގައި އޮތުމުން އެކަން އެގޮތަށް ކުރުމަށް ވަޒީފާއަށް އެދޭ ފަރާތްތަކަށް ގިނަގުނަ ދަތި އުނދަގޫތަކާ ކުރިމަތިލާންޖެހި އަދި އެއްފަހަރާ ގިނަ ލިޔުންތަކެއް އަސްލާ އެއްގޮތަށް ކަމަށް ތައްގަނޑު ޖެހުމަށް ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށް ފާހަގަ ކުރެވިފައިވާތީ އެކަމަށް ލުޔެއް ދިނުމުގެ ގޮތުން،" އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ވަޒީފާ އަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ލިޔުންތައް އަސްލާ އެއްގޮތްތޯ ބަލާނީ ހަމައެކަނި އިންޓަވިއުއަށް ހޮވޭ ފަރާތްތަކުގެ އެކަނި ކަމަށާއި ލިޔުންތައް އަސްލަ އެއްގޮތްތޯ ބަލާނީ އިންޓަވިއުގައި ސެޓްފިކެޓްތަކުގެ އަސްލު ބެލުމަށް ފަހު ކަމަށެވެ.