ވޮޝިންޓަން (ފެބްރުއަރީ 11): ފަރަންސޭސި ރައީސް ފްރާންސްވާ އޮލާންދް އެމެރިކާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ވޮޝިންޓަނަށް ވަޑައިގަތުމަށް ފަހު ރައީސް އޮބާމާގެ އަރިހުގައި ވާޖީނިޔާގައިވާ ތާރީޚީ އިމާރާތަކަށް ޒިޔާރަތް ކުރައްވައިފި އެވެ.

އޮލާންދް ދަތުރުކުރައްވާ އެއަބަސް މަރުކާގެ ފަރަންސޭސި ރިޔާސީ މަތިންދާބޯޓު އެންމެ ފުރަތަމަ ޖައްސާފައި ވަނީ ވޮޝިންޓަންގައިވާ އެމެރިކާގެ ޢަސްކަރީ ބޭހެއް ކަމަށްވާ އެންޑްރޫޒް ވައިގެ ބޭހަށެވެ. އެންޑްރޫޒް ވައިގެ ބޭހަށް އޮލާންޑް ވަޑައިގަތްތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެމެރިކާގެ ރިޔާސީ މަތިންދާބޯޓު "އެއަރފޯސް ވަން"ގައި އޮބާމާ އާއި އޮލާންދް ވަނީ ވާޖީނިޔާގެ އިރުމަތީ ސަރަހައްދުގައިވާ"މޮންޓިސެލޯ" އިމާރާތް ބައްލަވާލެއްވުމަށް ޓަކައި އެ ސަރަހައްދަށް އުދުހި ވަޑައިގެންފަ އެވެ. ވާޖީނިޔާގެ އިރުމަތީ ސަރަހައްދުގައިވާ މޮންޓިސެލޯ އެސްޓޭޓަކީ އެމެރިކާގެ ޖުމްހޫރިއްޔާގެ ތިން ވަނަ ރައީސް ކަމަށްވާ ތޯމަސް ޖެފްރިސަން ދިރިއުޅުއްވި ގެކޮޅެވެ.

ޖެފްރިސަންއަކީ އެމެރިކާގެ ޖުމްހޫރިއްޔާ އުފެއްދެވި ބާނީންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އޭނާ ވަނީ އެމެރިކާ އިން ފަރަންސޭސިވިލާތަށް ކަނޑައަޅާފައިވާ ޚާއްސަ މަންދޫބެއްގެ ގޮތުން ވެސް އޭނާގެ ސިޔާސީ ހަޔާތުގައި ޚިދްމަތްކުރައްވާފަ އެވެ. އެހެންކަމުން ޖެފްރިސަންއަކީ އެމެރިކާގެ އިތުރުން ފަރަންސޭސި ރައްޔިތުންގެ މެދުގައި ވެސް ވަރަށް އިހްތިރާމް ގަދަރު ލިބިގެންވާ ޝަޚްސިއްޔަތެކެވެ.

އޮބާމާ، އޮލާންދް އާ ރަސްމީގޮތުން ބައްދަލުކުރައްވާނީ މިއަދު އެވެ. ދެބޭފުޅުންގެ ރަސްމީ ބައްދަލުކުރެއްވުމުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ސޫރިޔާގެ މައްސަލައާއި އީރާނުގެ ނިއުކްލިޔާ މައްސަލަ އާއި ޔުކްރޭންގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ މައްސަލަ ވަނީ އެޖެންޑާގެ އެންމެކުރީގައި ކަމަށް ޚަބަރުލިބެ އެވެ.
މީގެ އިތުރުން ދެ ގައުމުގެ ޚާއްސަ ގުޅުންތަކާއި ދުނިޔޭގެ އިގްތިސާދާއި ވިޔަފާރިއާއި މޫސުމަށް އަންނަ ބަދަލުތަކާއި އަމަނާބެހޭ ކަންތައްތަކުގެ އިތުރުން އެކި ގައުމުތަކަށް އަމާޒުކޮށްގެން އެމެރިކާ ކުރިޔަށްގެން ދިޔަ ޖާސޫސީ ހަރަކާތްތަކުގެ މައްސަލައާ ބެހޭ ގޮތުން ވެސް ދެބޭފުޅުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެ އެވެ. އޮބާމާ އާއި އޮލާންދްގެ ރަސްމީ ވާހަކަތައް ކުރިޔަށް ދާނީ ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ކަމަށް ވެސް ވައިޓް ހައުސްއިން ބުނެ އެވެ. (ރޮއިޓާސް)